ޗައިނާގެ ޔުނާން ޕްރޮވިންސާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމެޓީގެ ވައިސް ޗެއަރ ލީ ޝިއާއޯސަން މިހާރު ރާއްޖެއަށް ކުރއަށްވަމުންދާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު މޫސާ ޒަމީރާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި ރާއްޖެއާއި ޗައިނާގެ ޔުނާން ޕްރޮވިންސާއި ގުޅިގެން މަސައްކަތް ކުރުމަށް ނިޒާމެއް ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ގުޅުން ބަދަހިކޮށް ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންވެސްވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ޗައިނާއިން ރާއްޖެއާ އެކު ބާއްވަމުންދާ ގާތް ގުޅުމާއި، ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންދާ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ވައިސް ޗެއަރ ލީ ޝިއާއޯސަންވަނީ ރާއްޖެއިން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމެޓީގެ ވައިސް ޗެއަރ ލީ ޝިއާއޯސަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރުގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދުއާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.