ޚަބަރު

ކުރެންދޫ ދާއިރާގެ އިންތިޙާބީ މެންބަރު ޕީއެންސީއަށް ސޮއިކުރައްވައިފި


  • ޝާމިންގެ ފޯމާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު

  • މިއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ 74 މެންބަރުން ތިބޭނެ

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރު ޝާމިން ހަބީބު ވެރިކަން ކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފިއެވެ.

ޝާމިން އަކީ ކުރެންދޫ ދައިރާއަށް އަމިއްލަގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓެވެ. ޕީއެންސީއާއި ޝާމިން ގުޅިވަޑައިގަތުމުން ފޯމާއި ޙަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް 66 ކެންޑިޑޭޓަކު ގޮނޑި ކަށަވަރު ކުރެއްވިއެވެ. އެއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެ ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ.

އޭގެ ފަހުން އެ ޕާޓީއާއި އިތުރު 7 އިންތިޚާބީ މެންބަރަކު މިދިޔަ އެޕްރީލް މަހު ގުޅިވަޑައިގަތުމުން ޖުމްލަ މެންބަރުންގެ އަދަދު 73 އަށް އިތުރުވިއެވެ. އަދި މިހާރު އަލަށް ގުޅުނު ކުރެންދޫ ދައިރާގެ އިންތިޚާބީ މެންބަރާއެކު ވެރިކަން ކުރާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ ވަނީ 74 އަރައެވެ.

މީގެ އިތުރުން ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 77 ގޮނޑި މި އިންތިޚާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ.