ޚަބަރު

ވޯކް ވިސާގެ ޚިދުމަތްތަކަށް "އޭންޓް ކިޔު" މެދުވެރިކޮށް މިހާރު ނަންބަރު ނެގޭނެ


  • ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެ

  • ކުރިން ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކުރަންޖެހޭ

  • މިއަދުން ފެށިގެން ބަދަލަށް އަމަލުކުރަން ފަށާނެ

ވަރކް ވިސާގެ ޚިދުމަތް ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ލުއިފަސޭހަ ބަދަލުތަކެއް ގެނެސް، "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ މި ބަދަލުގެނެސްފައިވަނީ ސަރުކާރު އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ.

އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް އިމިގްރޭޝަން ނިންމާފައިވާކަމަށެވެ.

މީގެކުރިން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވެ، އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކުރަންޖެހެއެވެ. އެހެންކަމުން މި ޚިދުމަތް ހޯދާ ފަރާތްތަކުން ދިޔައީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމަށް ހައްލެއް ގެނެސްދިނުމަށް ޒަމާނާއި އެއްގޮތަށް މި ހިދުމަތް އޮންލައިންކޮށް ކަނޑައާޅާފައިވާ ގަޑީގައި "އޭންޓް ކިޔޫ" މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެކަމަށެވެ. އަދި ކިޔޫގައި ޚިދުމަތްދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށްޓަކައި "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް 5 ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހޭނީ ހެނދުނު 9:00 އަކުން 10:30 އަށެވެ. މި ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އަކުން މެންދުރުފަހު 3:00 އަކަށެވެ.

6 ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހެނީ މެންދުރު 11:30 އިން 12:30 އަށެވެ. މި ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 އިން 3:00 އަށެވެ. އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މަޤްސަދަކީ ޚިދުމަތް ހޯޑާ ފަރާތްތަކަށް ވީހާވެސް އަވަސް ލުއިފަސޭހަ ޚިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުންކަމަށެވެ.