ޚަބަރު

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައުލަތަށް 4 މިލިއަން ރުފިޔާ


  • ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ މިދިޔަ އަަހަރުގެ އޭޕްރީލްމަހު

  • މިއަހަރު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަމަހު

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން ދައުލަތަށް މިދިޔަ 4 މަސްދުވަހުގެ ތެރޭގައި 4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ވާ ގެއްލުން ކުޑަކުރުމަށްޓަކައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ މިދިޔަ އަަހަރުގެ އޭޕްރީލްމަހުއެވެ. މިއާއެކު މީރާގެ އާމްދަނީ ރިޕޯޓުގައި މިދިޔަ އަހަރުގެ މެއިމަހުން ފެށިގެން ޕްލާސްޓިކް ކޮތަޅު ފީއިން ލިބޭ އާމްދަނީ ވަނީ ހިމަނަން ފަށާފައެވެ.

މީރާއިން އެންމެފަހުން އާއްމުކޮށްފައިވާ މިއަހަރުގެ އޭޕްރީލްމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިހާތަނަށް 4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް މި ފީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ މިދިޔަ އޭޕްރީލްމަހުއެވެ.

ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ

ޖެނުއަރީ : 1.4 މިލިއަން ރުފިޔާ
ފެބްރުއަރީ : 749422 ރުފިޔާ
މާރޗް : 715400 ރުފިޔާ
އޭޕްރީލް : 1.8 މިލިޔަން ރުފިޔާ

ޤާނޫނަށް ގެނައި އިސްލާހާއެކު ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކާއިރު ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް -/2 ރުފިޔާގެ ރޭޓުން ފީއެއް ނަގަންޖެހެއެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އޭގެ އަގުން ޖީ.އެސް.ޓީވެސް ނަގަންޖެހެއެވެ.

ބައެއް ހާލަތްތަކުގައި ޕްލާސްޓިކް ކޮތަޅުން ފީ ނަގާކަށް ނުޖެހޭނެކަމަށް މީރާއިން ހާމަކުރެއެވެ.

ފީ ނެގުން އިސްތިސްނާވާ ޕްލާސްޓިކް ކޮތަޅު

• ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު؛
• ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
• ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ".

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންޖެހެއެވެ.