ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 50 އޯވަރުގެ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މާލޭ ވެޓެރަންސްއިން ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި އިއްޔެ ހެނދުނު ކުޅުނު މެޗުން މާލޭ ވެޓެރަންސްއިން ކާމިޔާބުކޮށްފައިވަނީ ސީބީއެލް ސްޕޯޓްސްއާ ވާދަކޮށް 72 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ސީބީއެލް ނިންމީ ހޮވުމަށެވެ. އެއާއެކު މާލޭ ވެޓެރަންސް އެންމެ ފުރަތަމަ ކުޅެން އަރައި 34.2 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 151 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 92 ބޯޅައިން 59 ލަނޑު ހެދި މަދުޝިކާ ރަޓްނަޔަކޭ އާއި، 20 ބޯޅައިން 35 ލަނޑު އެއްކުރި އެރަންޑަ ސަންޖީވާއެވެ. މި އިނިންގްސްގައި ސީބީއެލްގެ ޖީހާން ވަނީ ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި ސީބީއެލް ކުޅެން އަރައި 26.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 45 ބޯޅައިން 20 ލަނޑު ހެދި ސިމިއޯން ހެރީސްއެވެ. މި އިނިންގްސްގައި މާލޭ ވެޓެރަންސްގެ އަސްކަރު ހުސެއިން ވަނީ ފަސް ވިކެޓް ނަގާފައެވެ.
މި މޮޅާއެކު މުބާރާތުގެ ފައިނަލަށް މާލޭ ވެޓެރަންސް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ނުކުންނާނީ މިލާން ކްރިކެޓް އެކެޑަމީއާ ދެކޮޅަށެވެ. މީގެ ކުރިންވެސް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާ މިލާނުން ވަނީ މިއަދު ހެނދުނު ކުޅުނު މެޗުން ނިއު ސްޓަރ އަތުން 196 ލަނޑުން މޮޅުވެފައެވެ.
މި މެޗުގެ ގުރު ދިމާވުމުން މިލާން އެންމެ ފުރަތަމަ ކުޅެން އަރައި 48 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 367 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 138 ބޯޅައިން 147 ލަނޑު ހެދި އަޙްމަދު ހަސަން އާއި، ނުބައިނުވެ 54 ބޯޅައިން 91 ލަނޑު އެއްކުރި ޔޫސުފް އަޒިޔާނެވެ. ޖަވާބުގައި ނިއު ސްޓަރ ކުޅެން އަރައި 30 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 42 ބޯޅައިން 53 ލަނޑު ހެދި މުއާވިޔަތު އަބްދުލް ޣަނީއެވެ.
މި ނަތީޖާތަކާއެކު ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ އެއްވަނައިގައި އޮތް މިލާނަށް ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް މާލޭ ވެޓެރަންސްއަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ.
މި މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހުގެ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ނިއު ސްޓަރ އާއި ފުވައްމުލަކު ކްރިކެޓް އެކެޑަމީއެވެ.