ޚަބަރު

މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް ފަށައިފި


  • ބައެއް ސަރަޙައްދުތަކުގައި ޕަންޕު ބަހައްޓައިގެން ދަނީ ފެން ހިންދަމުން

  • ކުރިއަށްއޮތީ ވިއްސާރަ ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

ޤައުމީ ދިފާޢީ ބާރު އެމްއެންޑީއެފްއިން ވިދާޅުވީ، ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އެގޮތުން މި ވަގުތު ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ސަރަހައްދުގައާއި، ދިރާގު ކައިރީ ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާއިރު، ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައިހުރި ފެންސްތަކެއް ވަޔާ ދާތީ، އެ ސަރަޙައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެތީ، ފެންބޮޑުވެ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.