ޚަބަރު

ބަހުސްތަކުން ދަރިވަރުންގެ ފިކުރީ އުދަރެސް ތަނަވަސްކޮށްދޭ: ވަޒީރު އާދަމް ނަޞީރު


  • ބަހުސްތަކުގެ ސަބަބުން އައު ވިސްނުންތަކާއި އީޖާދުތައް އުފަންވާކަން ފާހަގަކުރެއްވި

  • އެއިރަކަށް އެންމެ މުހިންމު މައްސަލައެއްގެ މައްޗަށްކުރެވޭ ބަހުސްތަކަކަށް ހެދުން މުހިންމުކަމަށް ވިދާޅުވި

ކޮންމެ ބަހުސަކީވެސް އެހިނދަކަށް އޮތް މުހިންމު މައްސަލައެއްގެ މައްޗަށް ކުރެވޭ ބަހުސަކަށް ހެދުން މުހިންމުކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތް ފެށުމަށް މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ވަޒީރު ވިދާޅުވީ, ބަހުސްގެ ސަބަބުން އައު ވިސްނުންތަކާއި އައު އީޖާދުތަކާއި އުފެއްދުންތެރިކަން އުފަންވާ ކަމުގައެވެ. އެގޮތުން, ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކުރެވޭ ބަހުސުތަކުގެ ހަގީގީ މަޤުޞަދަކީ ދަރިވަރުންގެ ފިކުރީ އުދަރެސް ތަނަވަސްކުރުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއީ އެކިބާވަތުގެ ޢިލްމުތަކުގެ ދާއިރާއިން ކަމަށާއި, ދުނިޔެއާއި ޤައުމާއި އެކި ސަރަހައްދުތަކާ ގުޅިފައިވާ މައްސަލަތަކާ ބެހޭ ދާއިރާތަކުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މީގެ ބޭނުމަކީ މާދަމާއަށް އެންމެ ހެޔޮ ގޮތް ހޯދުން ކަމަށާއި، ހުރިހާ މާނައެއްގައި ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންގެ ލޯހުޅުވުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި މިހާރު ބަހުސުކުރެވޭ ގޮތް އިތުރަށް ތަރައްޤީ ކުރެވިދާނެ. އޭރުން ބުނާ ވާހަކައިގެ އަޑު ބާރުވުމަށްވުރެ ބުނާ ވާހަކައިގެ އާރު މާ ގަދަވާނެ. ބުނުންތައް ހުންނާނީ ބުއްދީގެ ގިއުގަނޑަކަށް އެކަށައަޅާލެވިފައި. އަޑު އަހާލަން ފަސޭހަވާނެ. އޮއްޓަރު ހެޔޮވާނެ." ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތަށް ފަހު ވަޒީރު ވަނީ މުބާރާތުގެ ފުރަތަމަ ބަހުސް ބައްލަވާލައްވާފައެވެ. މި ބަހުސްގެ ވާދަވެރިންނަކީ 2021 ވަނަ އަހަރުގެ ޗެމްޕިއަން ޓީމް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި 2022 ވަނަ އަހަރުގެ ޗެމްޕިއަން ޓީމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ކޮލެޖް ޔުނިވަރސިޓީތަކަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމުގައި އެޔޫނިއަނުން މައުލޫމާތު ދެއްވައެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 25 އަށް ކުރިއަށް ދާ މިމުބާރާތުގައި 9 ޓީމަކުން ބައިވެރިވެފައިވެއެވެ.