ޚަބަރު

ގުނަވަން ބަދަލުކުރުމާ ގުޅޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި


  • ގުނަވަން ބަދަލުކުރަން ޤާނޫނީ އޮނިގަނޑެއް ބޭނުންވޭ

  • ސަރުކާރުން ޤާނޫނު އެކުލަވާލައި އަންނަ މަޖިލީހަށް ހުށަހަޅާނެ

  • ސިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވޭ

ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓް ކުރުމާއި ގުޅޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިއްޙަތާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެ ނޫން އެހެން ޤައުމުތަކުގައިވެސް ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރަނީ ޤާނޫނެއްގެ ތެރެއިން ރެގިއުލޭޓް ކުރެވިގެން ކަމަށެވެ. އަދި އެކަމަށް ޤާނޫނެއް އެކުލަވާލުމަށް ސަރުކާރުން ގުޅުން ހުރި އިދާރާތާކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެ ޤާނޫނެއް ނުވަތަ އެ އުސޫލްތައް މިހާރުން މިހާރަށް ނަޔަސް ވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިހާރުވެސް ދެވޭ ޚިދުމަތެއް އޭގެ ތެރޭގައި ޓްރާންސްޕްލާންޓު ކުރަން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕްލާންޓު ކުރަން ބޭނުންވާ ފަންޑިންއާއި އަދި އެހެނިހެން ލުއިކަން ރައްޔިތުންނަށް ފޯރުކޮށްދިނުން. އެއީ އަޅުގަނޑުމެން މިހާރުން މިހާރަށް ކުރާ މަސައްކަތަކީ " ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ފެށައިގެން ކުރަމުންދާއިރު އެކަމާ ބެހޭ ބިލުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ. އަދި އެ ޤާނޫނު ގެނައުމުގެ ބިލު 20 ވަނަ މަޖިލީހުގެ ތެރެއިން ވުޖޫދު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ޚަލީލު ވިދާޅުވިއެވެ.

ގުނަވަން ބަދަލުކުރުމާ ގުޅޭ ޤަނޫނެއް އެކުލަވާލާ އެފަދަ އޮޕަރޭޝަންތައް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ޤާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، އެކަމަށް މިހާރުވެސް އަމިއްލަ ސިއްޙީ ޚިދުމަތް ދޭ ތަންތަނުން އަންނަނަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.