ރިޕޯޓް

ބްރިޖާއެކު ވިއުގަތަކުން، މާލެއާއި ހުޅުމާލެ ގުޅިގެންދާނެ


ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެންމެ ޚާއްޞަ އެއްކަމަކީ، ފެނާއި، ކަރަންޓްފަދަ ވިއުގަތަކުން، މާލެއާއި ހުޅުމާލެ ގުޅުވާލުމެވެ. ބްރިޖްގެ ޢަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު، މާލެއާއި ހުޅުމާލެއާ ދެމެދު އަޅާނެ ވިއުގަތައް ދިރާސާކުރައްވައި، އެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅުއްވާ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފަރުމާކުރައްވާފައިވަނީ އެކި ވިއުގަތަކުން މާލެއާއި ހުޅުމާލެ ގުޅުވައިދޭގޮތަށެވެ. މިހާތަނަށް އެމް.ޑަބްލިއު.އެސް.ސީ އާއި ސްޓެލްކޯއިން ވަނީ އެ ކުންފުނިތަކުން ދެމުންއަންނަ ޚިދުމަތްތައް ގުޅުވާލުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި އެ ދެކުންފުނިން ދަނީ މިފަދަ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް އެކުލަވާލައި، ފަންނީ ލަފައާއި ތަޖުރިބާތައް ހޯދަމުންނެވެ.

ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، އަންނަ އަހަރުގެ ފަހުކޮޅަށް ބްރިޖްގެ ބޮޑުބައެއް ނިމިގެންދާއިރު، އެހާތަނަށް ވިއުގަތައް ގުޅުވާލުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒްލު ރަޝީދު ވިދާޅުވީ، އެކުންފުނިން ކުރިއަށް ރާވަމުންދާ އެންމެ ބޮޑު އެއް މަޝްރޫޢަކީ ބްރިޖްގެ ތެރެއިން މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅުވާލުމުގެ މަޝްރޫޢު ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަވެސް ގުޅުވާލުމަށް ސްޓެލްކޯއިންވެސް ދަނީ ތައްޔާރުވަމުންނެވެ. އެ ކުންފުނިން ވަނީ މިކަމުގެ ޑިޒައިން ތައްޔާރު ކުރުމަށް ބަޔަކު ހޯދުމަށް ޢިއުލާންކޮށްފައެވެ.

އަސާސީ އެތައް ޚިދުމަތްތަކެއް މާލެއާއި ހުޅުމާލެއާއި ދެމެދު ގުޅިގެންދާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތްތައް ކުރިއަށްގެންގޮސް، ޚިދުމަތްތަކުގެ އަގު ކުޑަވެގެންދާނެ ކަމެއްކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.