ޚަބަރު

މޯލްޑިވްސް ފުޑް ކާނިވަލް ޖުލައި މަހު ބާއްވަނީ


މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަން އަންނަ ޖުލައި މަހު ބޭއްވުމަށް ނިންމައިފިއެވެ. މި ކާނިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 3 ފެށިގެން 7 އަކާއި ހަމައަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މި ކާނިވަލަކީ ތިންކް އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ ކާނިވަލެކެވެ. މި ކާނިވަލުގައި ބައިވެރިވުމަށް ހުރިހާ ކަލިނަރީ އިނޮވޭޓަރުންނާއި ކާބޯތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވައި ލައިފިއެވެ.

ތިންކް މޯލްޑިވްސް އިން ބުނީ މިއީ މިކަހަލަ އިވެންޓެއް ބާއްވާ ދެވަނަ ފަހަރުކަމަށާއި ކޮންމެ އަހަރަކު ވެސް މިއިވެންޓް ބޭއްވުމަށް ރޭވިފައިވާކަމަށެވެ. ކާބޯތަކެއްޗަށް ހާއްސަކޮށްގެން ބޭއްވިނަމަވެސް، ފުޑް ކާނިވަލްގައި ކާބޯތަކެތީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިތަކުގެ އުފެއްދުންތައް ވިއްކާ ސްޓޯލްތައްވެސް ހުރެއެވެ. އޭގެތެރޭގައި ހެދުމާއި، އެކި އާޓިސްޓުންގެ މަސައްކަތްތައްވެސް ހިމެނެއެވެ. އަދި އެކި ކަހަލަ ލައިވް ޝޯވތަކާއި އިވެންޓްތަށްވެސް ކުރިއަށްދާނެއެވެ.

މި ކާނިވާ މި އަހަރުވެސް ކުރިއަށްގެންދަން ނިންމީ، މީގެކުރިން ހުޅުމާލޭގައި ބޭއްވި ކާނިވަލަށް ލިބިފައިވާ ތަރުހީބު ބޮޑުވުމުން ކަމަށާއި މިފަދަ ހަރަކާތެއް ބާއްވައިގެން ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށްކަމަށްވެސް ތިންކް މޯލްޑިވްސްއިން ބުންޏެވެ. މިދިޔަ އަހަރުވެސް މި ކާނިވަލުގައި ކާބޯތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުގެ އިތުރުން، ގޭގައި ކާބޯތަކެތި އުފައްދާ ގިނަ އަދަދެއްގެ ވިޔަފާރިތަކުންވެސް ބައިވެރިވެފައިވާކަމަށް ތިންކް މޯލްޑިވްސްއިން ބުނެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރުގެ ކާނިވަލަށްވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށާއި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާނެކަމަށް އުންމީދުކުރާކަމަށް ތިންކް މޯލްޑިވްސް އިން ބުންޏެވެ.