ތަޢުލީމު

ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނުކުރެއްވުން


ޓީޗަރުން ތަމްރީނުކުރެއްވުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ކުރިޔަށް 5 އަހަރު ދުވަހުގެ ތެރޭގައި ދަށްވެގެން ޑިގްރީ ފެންވަރަށް ޓީޗަރުން ގެންނެވުމުގެ މަސައްކަތެއް ސަރުކާރުން އިސް ނަންގަވައިގެން ރޭވުންތެރިކަމާއެކު ކުރިޔަށް ގެންދެވުމެވެ. މުދައްރިސުންނަކީ މުޖުތަމަޢުގައި ޢަބުރުވެރިކަމާއެކު ދިރި އުޅެވޭނެ ބަޔަކަށް ހަދައިދިނުމުގެ އަމާޒަށް ވާޞިލްވުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ފަށާފައިވެއެވެ.

އެގޮތުން ސްކޫލްތަކުގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ކިޔަވައިދިނުމުގެ ރޮގުން ތަޢުލީމް ޙާޞިލްކޮށްފައިވާ ބަޔަކަށްހެދުމުގެ މަސައްކަތް، މިދިޔަ އަހަރު ނިމުނުއިރު ވަނީ ޙާޞިލްކޮށްފައެވެ. މިމަޝްރޫޢު ފެށިއިރު ސްކޫލްތަކުގައި ޑިޕްލޮމާ ފެންވަރަށް އާދެވިފައިނުވާ 1،200 އަށްވުރެ ގިނަ ޢަދަދެއްގެ ޓީޗަރުން ތިބިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް 2015 ވަނަ އަހަރު ނިމުނިއިރު ސްކޫލްތަކުގައި ތިބި ހުރިހާ ޓީޗަރުންނަކީވެސް ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްގެން ތިބި ބަޔަކަށް ހެދުމުގެ މަޝްރޫޢު މިދިޔަ އަހަރުގެ ނިޔަލަށް ޙާސިލްވެފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި 7،561 ޓީޗަރުން ކިޔަވައިދިނުމުގައި ޙަރަކާތްތެރިވަމުންދާއިރު، 5،422 ދިވެހި ޓީޗަރުންނާއި 2،139 ބިދޭސީ ޓީޗަރުން ހިމެނެއެވެ. އޭގެ ތެރެއިން ޑިގްރީ ސަނަދަށް ވުރެ ދަށު ސަނަދު ތަކުގައި މިހާރު ތިބީ 2،814 ޓީޗަރުންނެވެ.

ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ތަންފީޒުކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީއާއެކު ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. މި ޕްރޮގްރާމަކީ މިހާރު ކޮލެޖްތަކާ ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ސީދާ ވަކިވަކި ރަށްތަކަށް ބޭނުންވާ ޓީޗަރުން ތައްޔާރުކުރުމަށްޓަކައި ޚާއްޞަ އިންތިޒާމްތަކެއްގެ ދަށުން ރޭވިގެން ކުރިޔަށް ގެންދެވޭ ޚާއްޞަ ޕްރޮގްރާމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ އަމާޒެއްކަމުގައި ކަނޑައެޅިފައި ވަނީ 2،800 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިޙާމް ވިދާޅުވީ، މިއީ ވަޒީފާގައި ތިބެގެން ޓީޗަރުންނަށް އިތުރަށް ތަމްރީނުވެވޭނެގޮތަށް ކުރިއަގެންދާ މަޝްރޫޢެއް ކަމަށެވެ. މިމަޝްރޫޢޫގެ ދަށުން ސްކޫލްތަކުގައި ވަކި ވަކި ދާއިރާތަކުން ތަމްރީނުވެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދަށްވެގެން ޑިގްރީ ފެންވަރަށް ޓީޗަރުން ގެނައުމުގެ މަސައްކަތުގެ ދަށުން އިސްލާމިކް ޔުނިވަރސިޓީއާއި ގުޅިގެން އިސްލާމް އަދި ޤުރުއާން ކިޔަވައިދޭ 5،000 މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށައިގެން ކުރިއަށްދާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.