ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުޅިވަރު ކުރިއެރުވުމަށް 500 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޢާމިރު ވިދާޅުވެއްޖެއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢާމިރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އައިރު 176 ކޮންޓްރެކްޓުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ އަގަކީ 528 މިލިޔަން ރުފިޔާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ 23 މަޝްރޫއެއްގެ މަސައްކަތް މުޅިން އަލަށް ފެށިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަލަށް ފެށުނު މަޝްރޫއުތަކަށް 83 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޢާމިރު ވިދާޅުވީ ޕީއެސްއައިޕީ ޚަރަދުތަކަށް ބަލާއިރު، މި އަހަރު 70 މިލިޔަން ރުފިޔާ މިހާތަނަށް ޚަރަދުކުރެވިފައިވާ ކަމަށެވެ. އަދި ކުޅިވަަރުގެ މުޅިން އައު ގިނަ މަޝްރޫއުތަކެއް މިހާރު ފެށިފައިވާއިރު، މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއެކު 24 މަޝްރޫއެއް މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނިމުނު މަޝްރޫއުތަކަށް 49 މިލިޔަން ރުފިޔާ ޚަރަދުވި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"މިހަތާނަށް ކޮންޓްރެކްޓް ކުރެވިފައިވާ މަޝްރޫއުގެ އަދަދަކީ ޖުމްލަ 176. އޭގެ ވެލިއުއަކީ 528 މިލިޔަން ރުފިޔާ. ދެން މި އަހަރު އަލަށް ކޮންޓްރެކްޓް ކުރެވުނު 23 މަޝްރޫއެއް ކުރިއަށް އެބަދޭ. އޭގެ ވެލިއުއަކީ 83 މިލިޔަން ރުފިޔާ.އިބްރާހީމް ޢާމިރު - ސްޓޭޓް މިނިސްޓަރު
މި ސަރުކާރުން އަލަށް ފަށާފައިވާ މަޝްރޫއުތަކަކީ ފުޓްބޯޅައިގެ ސަބްބޭސްގެ މަސައްކަތަކާއި، ޓާފް އެޅުމުގެ މަސައްކަތުގެ އިތުރުން، ފުޓްބޯޅަ ދަނޑުތަކުގައި ފެންސު ޖެހުމުގެ މަސައްކަތާއި، ފުޓްބޯޅަ އަދި ވޮލީބޯޅަ ދަނޑުތަކުގެ މަރާމާތުގެ ބައެއް މަސައްކަތްތަކެވެ.
މުޅި ރާއްޖެއަށް ބަލާއިރު ތިން ޒޯނެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އޭގެ ތެރެއިން އައްޑޫ ސިޓީ ދަނޑުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.