ރާއްޖޭގެ ފެތުމުގެ އުމްރާނީ ވަސީލަތްތަކަށް އައި ބޮޑު ބަދަލާއެކު، މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހި ފެތުންތެރިންގެ ކުރިއެރުމަށް ރަނގަޅު ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްމާޢީލް ވިދާޅުވީ މިހާރު ސްވިމިން އެތުލީޓުން ކުރިން މުބާރާތްތަކަށް ފަރިތަކުރަމުން އައި ގޮތުގެ ވާހަކަދެއްކުން އެއީ ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ލިބެންހުރި ވަސީލަތްތަކާއެކު ދިވެހި އެތުލީޓުން ކުރިއަށް ޖެހިލާފައިވާ ކަމަށްވެސް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.
50 މީޓަރު ޕޫލުގައި ހެދޭ ތަމްރީނުތައް ފިޔަވައި އެހެން ހުރިހާ ތަމްރީނުތަކެއް މިހާރު ރާއްޖޭގެ ޕޫލްގައި ހެދޭނެކަން ފާހަގަކުރައްވަމުން އިސްމާޢީލް ވިދާޅުވީ އެކަން އެންމެ ރަނގަޅަށް ސާބިތުވެގެން ދިޔައީ އެންމެ ފަހުން ރާއްޖެއިން ވާދަކޮށްފައިވާ ބައިނަލްއަގުވާމީ ގޭމްސްތަކުން ކަމަށެވެ.
"އެކަން އެންމެ ރަނގަޅަށް ސާބިތުވެގެންދާނެ އަޅުގަނޑުމެން އެންމެފަހުން ވާދަކުރި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި. އަޅުގަނޑުމެންނާ އެހެން ގައުމުތަކާ ހުރި ފަރަގު ކުޑަވެގެން ދިޔަތަން ފެނިގެންދިޔަ.އިސްމާޢީލް ޢަލީ - ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް
އިސްމާޢީލް ވިދާޅުވީ އަމާޒަކީ ދެން އެންމެ އަވަހަށް އޮންނަ އައިއޯއައިޖީގައި ދިވެހި އެތުލީޓުން މެޑަލް ހޯދުން ކަމަށެވެ. އަދި މިހާރު އެ އަމާޒަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.
ދެކުނު އޭޝިއާގެ ފެންވަރުގައި ދިވެހި އެތުލީޓުން ކާމިޔާބާ ގާތަށް ވާސިލުވެވޭތަން ފެންނަ ކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ. އަދި ސަރަހައްދީ ފެންވަރުގައި ޑިސެމްބަރު މަހު ލަންކާގައި އޮތް މުބާރާތުން ދިވެހި އެތުލީޓުން ހޯދި މެޑަލްތަކުން އެކަން ސާބިތުވި ކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.
"ސަރަހައްދުގައި އިންޑިއާ ނެގުމަށްފަހު އެންމެ ވަރުގަދަ ގައުމަކީ ލަންކާ. އެ މުބާރާތުން އެމީހުން ފަހަތަށް ޖައްސާލުމަށްފަހު އަޅުގަނޑުމެންގެ އެތުލީޓުން މެޑަލް އެޅުވިތަން ފެނިގެންދިޔަ. މި ދެންނެވީ އެންމެ މަތީ އުމުރުގެ ކުދިން.އިސްމާޢީލް ޢަލީ - ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް
މިހާރު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުންދަނީ 14 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިންކަން ފާހަގަކުރައްވަމުން އިސްމާޢީލް ވިދާޅުވީ އެންމެ ބޮޑު އަމާޒެއް އޮތީ ރާއްޖޭގައި ތަމްރީނުކުރަމުންދާ ކުދިންގެ ޕްރޮގްރާމުތައް ހަރުދަނާކޮށް ކުރިއަށްގެންދިޔުން ކަމަށެވެ.