ޚަބަރު

އިންސާނީ ވަގުފާރިއާ ދެކޮޅަށް ޖުޑީޝަރީ ތެދުވެވަޑައިގެންފި


އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ ވަޢުދުގައި ޝަރުޢީ ދާއިރާގެ އިސް ފަނޑިޔާރުން ސޮއިކުރައްވައިފިއެވެ. 

ފަނޑިޔާރުންނަށް އަމާޒުކޮށްގެން ބޭއްވި "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިންގ އިން ޕަރސަންސް" ނިންމުމުގެ ރަސްމިއްޔާތުގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ ވަޢުދުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން، ވަނީ ސޮއިކުރައްވައިފައެވެ. މި ވަޢުދުގެ މަޤްޞަދަކީ ޝަރުޢީ ދާއިރާއިން ޢަދުލުއިންޞާފު ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި، އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދެއްވުންކަމަށް ޖުޑީޝަރީން މައުލޫމާތުދެއްވައެވެ.

މިވަޢުދުގައި ސޮއިކުރެއްވުމާއެކު ޖުޑީޝަރީންވަނީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ޙާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވަފައެވެ. އެގޮތުން ޝަރުޢީ ދާއިރާއިން ހިންގަވާ ޢިމާރާތްކުރުމުގެ މަޝްރޫޢުތަކުގައި އިންސާނީ ވަގުފާރީގެ މައްސަލަތައް ނެތްކަން ކަށަވަރުކުރެއްވުން ހިމެނެވެ. މިމަހުގެ 4 ން 5 އަށް ޖުޑީޝަރީން ކުރިއަށްގެންދިޔަ ކޮލޯކިއަމް ފޮރ ޖުޑީޝަރީ ފޮރ ޓްރެފިކިންގ އިން ޕަރސަންސް އަކީ، އިންސާނީ ވަގުފާރިއާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ތަޖުރިބާ ލިބިފައިވާ މާހިރުންނާއެކު، މަޝްވަރާކޮށް ތަޖުރިބާ ޙިއްޞާކުރުމަށްޓަކައި، ބޭއްވި ޢިލްމީ މަހާސިންތާއެކެވެ. 

މިކޮލޯކިއަމްގެ ސެޝަންތަކުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.