1 މާރޗްއިން 10 މެއިގެ ނިޔަލަށް ރާއްޖެ އެތެރެކުރަން އުޅުނު 22 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހިމް އަފާޒް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މިހެން ވިދާޅުވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހިމް އަފާޒް ވަނީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހޯދުމަށް އެ މުވައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން 1 މާރޗްއިން ފެށިގެން 10 މެއިގެ ނިޔަލަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 12 މީހަކު ހިފަހައްޓާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހުންގެ އަތުން 22 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" މި މުއްދަތުގައި 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި. ހަމަ މި މުއްދަތުގައި 151 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރެވިފައިވެސްވޭ. މަސްތުވާތަކެއްޗަށް ބަލާލާއިރު 1 މާރޗް 2024 އިން 10 މެއި 2024 ގެ ނިޔަލަށް މަސްތުވާތަކެތި ރާއްޖެއަށް ގެންނަން އުޅުނު މީހުންގެ ތެރެއިން 12 މައްސަލައެއް މިވަނީ ހޯދިފައި. މި 12 މައްސަލައާއި ގުޅިގެން 22 ކިލޯގެ ތަކެތި ވަނީ ހޯދިފައި. މިތަކެއްޗަކީ ވިޔަފާރި ކުރެވުނު ނަމަ 35 މިލިއަން ރުފިޔާގެ ސްޓްރީޓް ވެލިއު ހުރި ތަކެތި." އިބްރާހިމް އަފާޒް ވިދާޅުވިއެވެ.
އިބްރާހިމް އަފާޒް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމުގައި އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. އޭގޮތުން ރާއްޖެއިން ބޭރަށް ދާއިރު ނުދަން މީހުންދޭ ޕެކޭޖްތަކާއި ހަވާލުނުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި ދަންނަ މީހަކު ހަވާލުކުރާ ޕެކޭޖްތައް ގެންނައިރުވެސް ގެނެވެނީ ކޯއްޗެއްކަން އެނގިގެން ގައުމަށް ވަނީ ވިދާޅުވެފައެވެ.
ޕޯސްޓުން އަދި ކުރިއަރ މެދުވެރިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި މިހާރު ގެންނައިރު މިކަމަށް އާންމުން ވަރަށް ބޮޑަށް ސަމާލުވުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.