ޚަބަރު

އޭއީއެޗްގެ ނާރސިންގ ޑިޕާޓްމަންޓުން އުރީދޫއާ ގުޅިގެން ކަލަރ ރަންއެއް ބާއްވައިފި


އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އުރީދޫ މޯލްޑިވްސްއާ ގުޅިގެން އިންޓަނޭޝަނަލް ނާރސަސް ވީކް 2024 ފާހަގަކުރަމަށް ކަލަރ ރަންއެއް ބާއްވައިފިއެވެ.

މިއީ ނަރުހުން މުޖުތަމަޢަށް ކުރާ ޚިދުމަތްތެރިކަމުގެ އަގު ވަޒަންކުރުމަށްޓަކައި ބޭއްވުނު ރަންއެކެވެ. މިއީ ސިއްހަތާއި އުފަލާއި ޝުކުރުވެރިކަން އެއްކޮށްލުމަށް ލިބުނު ފުރުޞަތަކަށް ވެދާނެ ކަމަށާއި، މިއީ ބައިވެރިންނާއި ޝަރަފުވެރި ނަރުހުންނަށްވެސް ހަނދާން ހުންނާނެ ދުވަހެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ދުވުން ބާއްވާފައިވަނީ 2024 މެއި 10 ވަނަ ހަވީރު 04:00 އިން ހަވީރު 06:00 އަށެވެ. އެގޮތުން ދެ ކެޓަގަރީއެއް ކަމަށްވާ 1 ކޭ އަދި 3.5 ކޭ އަށް ބަހާލައިގެން މި އިވެންޓު ބޭއްވުނީ ހުރިހާ އުމުރުފުރައިގެ ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށެވެ.

މި އިވެންޓުގައި އޭއީއެޗްގެ ގިނައަދެއްގެ އިދާރީ މުވައްޒަފުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި ނަރުސްކަން ދަސްކުރަމުންދާ ދަރިވަރުންނާއި އާންމު ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ދުވުމުގެ ސެކިއުރިޓީ ބަލަހައްޓައި ދިނީ އެމްއެންސީސީ ގެ މުދައްރިބުންނާއި ކެޑޭޓް ވޮލެންޓިޔަރުންނެވެ.

ނަރުހުންނަކީ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް މުހިއްމު އިސް ދައުރެއް އަދާކުރަމުންގެންދާ ފަންނީ މަސައްކަތްތެރިންތަކެއްކަމަށް އޭއީއެޗްގެ ނާރސިންގް ޑިޕާޓްމަންޓުން ބުންޏެވެ. އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ސިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ތެރެއިން އެންމެ ގިނައީ ނަރުހުންކަން ފާހަގަކުރިއެވެ.

ސިއްޙީ ނިޒާމު ހަރުދަނާ ކުރުމުގައި ނަރުހުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންކަމަށާއި ސިއްޙީ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ސިއްޙީ ދާއިރާއަށް ދެމެހެއްޓެނެވި ތަރައްޤީ ގެނައުމުގައި ނަރުހުންގެ ޙިއްސާ ވަރަށްބޮޑު ކަމަށްވެސް ބުންޏެވެ.