ޚަބަރު

ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލެވުނީ ރައީސްގެ ހިކުމަތްތެރިކަމުން: ޑިފެންސް މިނިސްޓަރ


  • ރާއްޖޭގައި އިންޑިއާގެ 76 ސިފައިން ގާއިމްވެ ތިބި

  • ހުރިހާ ސިފައިން މިހާރު ވަނީ ފޮނުވާލާފައި

ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ކުރު މުއްދަތެއްގެ ތެރޭގައި ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްޞާން މައުމޫން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގައުމަށް ފޮނުވާލެވިފައިވާކަން ރަސްމީކޮށް ހާމަކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޑިފެންސް މިނިސްޓަރ ޣައްޞާން ވިދާޅުވީ ރާއްޖޭގައި ޤާއިމްވެ ތިބީ އިންޑިއާގެ 76 ސިފައިންކަމަށާއި، އެމީހުން ޤާއިމްވެ ތިބީ 3 މަރުކަޒެއްގައިކަމަށެވެ. އެއީ ހދ. ހަނިމާދޫ، ސ.ގަން އަދި ލ.ކައްދޫގައިކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުން ކަނޑައެޅި ސުންގަޑިކަމަށްވާ މޭ 10 ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވިފައިވާކަމަށެވެ. އަދި މަޝްވަރާގެ އުސޫލުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާގެ ހުރިހާ ސިފައިން ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލިޔަސް ދެ ޤައުމުގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެގޮތުގައި ދެމި އޮންނާނެކަންވެސް މިނިސްޓަރ ފާޙަގަކުރެއްވިއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ޤައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވައި، މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމަށެވެ. ނަމަވެސް އަސްކަރީ ސިފައިންގެ ބަދަލުގައި އެތަކެތި އޮޕަރޭޓްކުރަން އަސްކަރިއްޔާއަށް ނިސްބަތްނުވާ އިންޑިއާގެ މަދަނީ ބަޔަކު ވަނީ ރާއްޖެ އައިސްފައެވެ.