މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ދޫކޮށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް)، އޮޑި ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.
ނިހާން އެ ކުލަބަށް ސޮއިކުރިން އިއުލާންކޮށްފައިވަނީ މަސްއޮޑި ސްޕޯޓްސް ކުލަބުގެ ނަން، އޮޑި ސްޕޯޓްސް ކުލަބަށް ބަދަލުކޮށް، އެ ކުލަބު ރީބްރޭންޑް ކުރުމަށް ބުރާސްފަތި ދުވަހުގެރޭ ހުުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މާޒިޔާ ދޫކޮށް ނިހާން އޮޑި ސްޕޯޓްސް ކުލަބަށް ސޮއިކުރިއިރު، ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މިޑްފީލްޑަރު މާޒިޔާއަށް ގުޅުނީ 2019 ވަނަ އަހަރެވެ. އަދި އެ ކުލަބާއެކު ނިހާން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އޭނާ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުލަބު ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.
ނިހާންގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބުން ވަނީ މުޙައްމަދު ރަޝީދު (ހޮކޭ) ގެ ސޮއިވެސް ހޯދާފައެވެ. މީގެ ކުރިން ކުޅުން ހުއްޓާލި ހޮކޭ ވަނީ އޮޑި ސްޕޯޓްސް ކުލަބާއެކު މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައިވެސް ކުޅެފައެވެ.
މީގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބުން ވަނީ މީގެ ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ޒުވާން ފޯވާޑް ހައިސަމް ރަޝީދާއި، މީގެ ކުރިން ވިކްޓަރީއަށް ކުޅުނު ސަޔާމް ސައީދާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅުނު މުޙައްމަދު މިންވާލް އަދި މުޙައްމަދު މުސްލިހު (މުއްޓި) ގެ ސޮއިވެސް ހޯދާފައެވެ. އަދި މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި އޮޑި ސްޕޯޓްސް ކުލަބުން ފެނުނު ރާހިލް ރަޝީދު (ރާއްކޮ) ވެސް ވަނީ ކުރިއަށް އޮތް ސީޒަނުގައި އެ ޓީމަށް ކުޅެން ނިންމާފައެވެ.
ކުރިއަަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުން އޮޑި ސްޕޯޓްސް ކުލަބު ޖާގަ ހޯދާފައިވަނީ، މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑެއް އޮޑި ސްޕޯޓްސް ކުލަބުން ދެމެހެއްޓިއިރު، ފައިނަލުގައި ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. އެ ޓީމުން މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރިއިރު، 2022 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދީވެސް އޮޑި ސްޕޯޓްސް ކުލަބުންނެވެ.