ޚަބަރު

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެމްއޭސީއެލްގެ 10 މުވައްޒަފަކަށް


  • ކުންފުނީގެ އަމާޒަކީ ކޮންމެ އަހަރަކު 10 މުވައްޒަފުން ހައްޖަށް ފޮނުވުން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެ.މް.އޭ.ސީ.އެ.ލްއިން އެ ކުންފުނީގެ 10 މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްފައެވެ.

ހުޅުލޭ އައިލަންޑް ހޮޓެލްގައި ރަސްމިއްޔާތުގައި ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހައްޖުފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ފުރުސަތު ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފަކަށް ދިނުމަކީ ކުންފުނީގެ މުހިންމު އަމާޒެއްކަމަށެވެ. އެގޮތުން ފުރުސަތު ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ހައްޖުގެ ކޯޓާ ހޯދުމަށް އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވިޔަސް އިސްލާމިކް މިނިސްޓްރީއާ މަޝްވަރާތަކެއްކުރުމަށްފަހު އާންމުކޮށް ހައްޖުގެ އަޅުކަމަށް ދައްކަން ޖެހޭވަރަށް ވުރެއް އިތުރަށް ފައިސާ ދެއްކުމަށްފަހު ކޯޓާ ހަމަޖެހިފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ ކިތަންމެ އުނދަގޫތަކެއް ކުރިމަތިވިޔަސް މުވައްޒަފުންނަށް މަންފާކުރާނެ ކަންކަން ކޮށްދިނުމުގައި ކުންފުނި ދެމިއޮންނާނެކަމަށެވެ.

" އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މި ސަރުކާރަކީ އިސްލާމްދީނުގެ އަސާސްތަކާއި މިކަންކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ސަރުކާރެއް. އޭގެ ހެއްކެއް ކައްނޭގެ ރަމަޟާންމަހުގެ ފަހު ދިހައެއް ބަންދުވެގެން ދިޔުމަކީ. އަޅުގަނޑުމެންގެ އެއަރޕޯޓަކީ އަދި ގުޅިފައިވާ ޙިދުމަތަކީ އަހަރެއްގެ 10 ދުވަހު ހުއްޓާނުލެވޭނެ ކަމަށްވިއަސް އެކަމުގެ ފަސޭހަ އަޅުގަނޑުމެންގެ ގިނަ މުވައްޒަފުންނަަށް ވަނީ ވެފައި. އެހެންކަމުން މި ފަދަ ކަންކަން ސަރުކާރާއި ގުޅިގެންނާއި އަދި އަމިއްލައަށްވެސް ފަހިވެގެންދާނެގޮތަކަށް މަސައްކަތް ކުރާނެކަމުގެ ޔަގީންދެން" ޝަރީފު ވިދާޅުވިއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އެ ފުރުސަތު ލިބިގެން ދިޔުމުން އުފާކުރާކަން ފާހަގަކޮށްފައެވެ. އަދި ކުންފުނިން ބަހައްޓާ ގާތްކަމާއި މުވައްޒަފުންގެ ލާބަޔާ މަންފާއަށް ކުންފުނިން ދެއްވާ ސަމާލުކަމަށް މުވައްޒަފުން ވަނީ ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑުމެންނަށް މި ފުރުސަތު ލިބުނު ކަމަށްޓަކައި ހަމަ ކުންފުނީގެ އެމްޑީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ގިނަ ދުވަސްވީ މުވައްޒަފުންނަށް ހާއްސަ އިސްކަމެއްދޭތީ ވަރަށް އުފާކުރަން" ފުރުސަތު ލިބުނު މުވައްޒަފަކު ފާހަގަކުރެއްވިއެވެ.

އެ.މް.އޭ.ސީ.އެ.ލްއިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ކުންފުނީގެ މުވައްޒަފުންނަަށް ދޭން ފެނީ 1998 ވަނަ އަހަރުއެވެ. އެކިސަބަބުތަކާއި ހުރެ އެމަސައްކަތް މެދުކެނޑުމަކަށްފަހު 2017 ވަނަ އަހަރު 10 މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ވަނީ ދީފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން އެކަން މެދުކެނޑުމަށްފަހު 2023 ވަނަ އަހަރު 5 މުވައްޒަފަކަށް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައެވެ.