ޚަބަރު

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އދ. މާމިގިއްޔަށް


  • އެ ރަށަށް 103 މިލިމީޓަރުގެ ވާރޭވެހިފައިވޭ

  • ހިތަދޫއަށް 68.3 މިލިމީޓަރުގެ ވާރޭވެހިފައިވޭ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އދ.މާމިގިއްޔަށްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ހުރިހާ ސަރަހައްދަކަށްވެސް ވާރޭވެހެމުންދާކަމަށް މޫސުމާއި ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާގިއްޔަށެވެ. އެ ރަށަށް 103 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. ހިތަދޫއަށް 68.3 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ސިޓީ ގަމަށެވެ. އެރަށަށް 44.0 މިލިމީޓަރުގެ ވާރޭއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ. އެގޮތުން ބައެއް ސަރަހައްދުތައް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވަނީ އެލާޓްވެސް ނެރެފައެވެ.