ޚަބަރު

ފުރަތަމަ ކުއާޓަރުގައި އިޤްތިޞާދުގެ މައިގަނޑު ހުރިހާ ސިނާއަތަކަށްވެސް ކުރިއެރުން


  • ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބިފައިވަނީ މަޑު ދުވެއްޔެއްގައި

  • ރީޓެއިލް ވިޔަފާރީގެ ދާއިރާ ފިޔަވައި، އެހެން ދާއިރާއަކުން ވަޒީފާތައް އިތުރުވެފައިވޭ

  • އިމާރަތްކުރުމުގެ ދާއިރާ މި ކުއާޓަރުގައި ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައި

ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ހުރިހާ ސިނާޢަތަކަށްވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިއެރުން ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.

އެމް.އެމް.އޭއިން މިކަން ހާމަކޮށްފައިވަނީ، ކޮންމެ 3 މަހަކުން ނެރޭ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައެވެ.

އެމް.އެމް.އޭގެ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން ނެރޭ ރިޕޯޓެކެވެ. މި ރިޕޯޓް އެކުލަވާލަނީ އިޤްތިޞާދުގައި ހިމެނޭ މުހިންމު 4 ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށްފަހުއެވެ.

ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައި ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ހުރިހާ ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ފިޔަވައި، ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެހެން ހުރިހާ ދާއިރާއަކުން ވަޒީފާތައް އުފެއްދި މިންވަރު ވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރުވެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ކުރިއެރުން ލިބިފައިވަނީ މަޑު ދުވެއްޔެއްގައެވެ. އެގޮތުން ފަތުރުވެރިކަމުގެ އާމްދަނީ އިންޑެކްސް 80 އިން 63 އަށް ވަނީ ދަށްވެފައެވެ. އަދި ރިސޯޓު ބުކިންގ ވަނީ 63 އިން 26 އަށް ދަށްވެފައެވެ.

ފުރަތަމަ ކުއާޓަރު ނިމުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަންވެސް ނިމުމަކަށް އައިސްފައިވާއިރު، މިހާރު ކުރިއަށް މިދާ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަން ދަށްވާނެކަމަށް ސާވޭގައި ބައިވެރިވި ފަތުރުވެރިކަމާއި ގުޅުން ހުރި ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި ދަތުރު ފަތުރާއި މުވާސަލާތީ ހިދުމަތްތައް ދޭ ކުންފުނިތަކުންވެސް ލަފާކޮށްފައިވަނީ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ވިޔަފާރި ދަށްވާނެ ކަމަށެވެ.

އެހެންނަމަވެސް އިމާރަތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ ކުންފުނިތަކުން ލަފާކުރަނީ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އެމް.އެމް.އޭއިން އާއްމުކުރާ ބިޒްނަސް ސާރވޭގެ މަޤްޞަދަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުން ކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ