ޚަބަރު

ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލްކުރުން: ޚަލީލް


  • އަމާޒަކީ ތެލެސީމިއާ ކުދިންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން

ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުންކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ތެލެސީމިއާ ދުވަސް މިއަދު ފާހަގަކުރާއިރު ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުންކަމަށެވެ. އަދި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ތެލަސީމިއާ ބަލިން މުޖުތަމަޢު ރައްކާތެރިކޮށް، ބަލި ޖެހިފައިވާ ކޮންމެ މީހަކަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ބައްޔެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސްއިން ޢާންމުކުރި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން، ރިޕޯޓު އެކުލަވާލުމާއި ހަމައަށް 941 ފަރާތެއް ވަނީ ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ބީޓާ ތެލެސީމިއާ މޭޖަރ ބާވަތުގެ ކުދިންނެވެ. އެގޮތުން، 762 ކުދިން މި ބާވަތުގެ ތެލެސީމިއާ ހުންނަ ކަމަށް ރަޖިސްޓްރީކޮށްފައިވެއެވެ.

ތެލެސީމިއާ ޖެހޭ ކުދިންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތެލެސީމިއާ ހޮސްޕިޓަލެް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ.

ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކެމެކެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޤައުމީ ކެންޕެއިނެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ.