ޚަބަރު

"އޮޕަރޭޝަން ކުރަނގި" ފުރަތަމަ ރަށުންވެސް 164 ބިދޭސީންގެ މަޢުލޫމާތު ނަގައިފި


  • "އޮޕްރޭޝަން ކުރަނގި" ފުރަތަމަހިންގީ ކ. ހިންމަފުށީގަ

  • ހުރިހާ ރަށަކުން ބިދޭސީންގެ މައުލޫމާތު އެއްކޮށް އެއް އަހަރުތެރޭ ނިންމާނެ

  • ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް 3 އަހަރު ތެރޭ ގެނައުމަކީ ސަރުކާރުގެ އަމާޒު

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެށި "އޮޕަރޭޝަން ކުރަނގި" ހިންގި ފުރަތަމަ ރަށުން 4 ގަޑިއިރު ތެރޭގައި 164 ބިދޭސީންގެ މައުލޫމާތު އެއްކުރެވުނު ކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.

އޮޕަރެޝަން ކުރަނގީގެ އަމާޒަކީ އެއް އަހަރު ތެރޭގައި މުޅި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުންކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް އަޙްމަދު ސިއްދީޤް ވިދާޅުވީ، ކުރަނގި އޮޕަރޭޝަނުގެ ދަށުން އެންމެ ފުރަތަމަ މައުލޫމާތު ނަގާފައިވާ ކ. ހިންމަފުށިން 4 ގަޑި އިރުތރޭގައި 164 ބިދޭސީންގެ މައުލޫމާތު އެއްކުރެވުނުކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސްގެން، ޤާވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު ބަލާނެ ކަމަށް ސިއްދީޤް ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން، ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވޭނެ ކަމަށް ވެސް ސިއްދީޤް ވިދާޅުވިއެވެ.

އިމިގްރޭޝަނާއި ފުލުހުންނާއި ވެސް ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި ބިދޭސީންނާ ހަމައަށް ދާނީ، ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުން ހިމެނޭ ޓާސްކު ފޯސްގެ ޓީމުތަކުންކަމަށް ސިއްދީޤު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެ ޓީމުތަކުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ވެސް ދާނެ އެވެ. އަދި އެކަންކުރާނީ ރަށްރަށުގެ އުންސިލަތަކާވެސް ގުޅިގެންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން މަޢުލޫމާތުދެއްވިއެވެ.

މި މަސައްކަތުގައި މައުލޫމާތު އެއްކުރާއިރު ބިދޭސީ މީހާގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތް ނަމަ އެ މީހާގެ ފޮޓޯއާ ފިންގަޕްރިންޓު ނެގުމަށްފަހު، ރާއްޖޭގެ ސިސްޓަމްތަކުން އެ މީހެއްގެ މައުލޫމާތު ނަގާނެކަމަށާއި އެ އުސޫލުން ވެސް އެ މައުލޫމާތު ނުލިބޭނަމަ، ބިދޭސީ މީހާ ފޯރުކޮށްދޭ މައުލޫމާތުތައް ނަގާނެ އެވެ. އެއަށްފަހު، އެ މީހާ ނިސްބަތްވާ ގައުމެއްގެ އެމްބަސީއަށް ފޮނުވައިގެން ކަށަވަރުކުރާނެ އެވެ.

ސިއްދީޤް ވިދާޅުވީ، މި މަރުހަލާއަށް ފަހު ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްޙަ އަދުދު އަދި ގަވަދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީންގެ އަދަދު އެނގިގެންދާނެ ކަމަށެވެ.
" އެއް އަހަރު ތެރޭގައި، ރައްޔިތުންގެ އެންމެ ބޮޑުކަންބޮޑުވުން ކަމުގައިވާ، ރާއްޖޭގައި އުޅޭ ބިދޭސީންގެ، ޖުމްލަ އަދަދަކީ މިހާވަރު ކަމަށް ސަރުކާރަށް ސާފުކޮށް ބުނެދޭވޭ، އެއިރުން އިރުތު ޝައްކެއް އުފެދެން ޖާގައެއް ނޯންނާނެ " ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސިއްދީޤް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ފެށިއެވެ. ނަމަވެސް އެއިރު އިސްކަންދިނީ މާލޭގައި ދިރިއުޅޭ ބިދޭސީން ގަވައިދަށް ފެއްތުން ކަމަށް ވާތީ، ރަށްރަށުގައި އުޅޭ ބިދޭސީން އެ ސިސްޓަމުގެ ދަށުން ބެލިފައެއް ނުވެއެވެ. އަދި މީގެ ކުރިން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ޖުމަލަ އަދަދު އެނގޭނެ ގޮތެއްވެސް ނޯވެއެވެ. ސަރުކާރުން މި ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ބިދޭސީންގެ މައްސަލަ ޖުމްލަ ތިން އަހަރު ތރޭގައި ހައްލުވެގެން ދާނެކަމަށް ސަރުކާރުން ވަނީ ލަފާކުރައްވާފައެވެ.