ޚަބަރު

އައްޑޫއަށް މެދުނުކެނޑި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރާނަން: ފެނަކަ


  • މިދިޔަ 5 އަހަރު އެކަށީގެންވާ މަރާމާތުގެ މަސައްކަތްކޮށްފައި ނުވޭ

  • އަޕްގްރޭޑިން މަސައްކަތް ނިމުމުން މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ

  • އަޕްގްރޭޑިން މަސައްކަތް 1 އަހަރުން ނިންމުމަށް ވަނީ ހަވާލުކޮށްފައި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމާއެކު އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށެވެ. މިއާއެކު މިހާރު ބަހައްޓާފައިވާ ޕްލާންޓުން އުފައްދާ ފެނަށްވުރެ ބޭނުންކުރާ ފެނުގެ އަދަދު އިތުރުވެފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެއް އަހަރު ދުވަހުގެ އަޕްގްރޭޑިން މަޝްރޫއެއް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ. އެ މަޝްރޫއު ނިމިގެންދާއިރު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ. އަދި މިހާރު ވެސް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިހާރުގެ މެނޭޖުމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، ޚިދުމަތް ދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދެއްވިއެވެ.