ޚަބަރު

މިމަހު ފޮނުވި ކަރަންޓު ބިލު ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓު ލިބޭނެ: ސްޓެލްކޯ


މިމަހުގެ ފޮނުވި ސްޓެލްކޯގެ ކަރަންޓު ބިލު ދެއްކި ފަރާތްތަކަށް ކުރިއަށްއޮތްމަހުގެ ބިލުން ޑިސްކައުންޓު ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން މިކަން ހާމަކޮށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، އެ ބިލްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަ މަހު ބޭނުން ކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެގޮތުން މާރިޗުމަހު ބޮޑު ޑިސްކައުންޓެއް ގިނަ ބަޔަކަށް ލިބިފައިވާއިރު، ރަމަޟާންމަސް ނިމިފައިވަނީ އޭޕްރީލް 10ގައެވެ. މިއާއެކު މިއީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން އެޕްރީލް މަހުގެ ބިލުވެސް ވަނީ ބޮޑުވެފައެވެ.

އެހެންކމުން ރައީސުލްޖުމުހޫރިއްޔާ ވަޢުދުފުޅާއި އެއްގޮތަށް ފެނާއި ކަރަންޓު ބިލްތައް އާންމު މަސްތަކަށްވުރެ ބޮޑު ނުވާނެހެން އެޕްރީލް މަހުގެ ބިލަށްވެސް ޑިސްކައުންޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފެނަކަ އަދި ސްޓެލްކޯއިން ވަނީ ބިލްތައް އަދާހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.