ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަށާ އަވަހަށް ނިންމުމަކީ އެފްޑީސީގެ އަމާޒު: ހަމްދާން


  • އަތޮޅުތަކުގައި މަޝްރޫޢުތައް ފެށުމުގެ ތައްޔާރީތައް މުސްތަޤުބަލުގައި ފެށޭނެ

  • އަމާޒަކީ ބޯހިޔާވަހިކަމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ހޯދައިދިނުންކަމަށް ވިދާޅުވި

ކުރިއަށްއޮތް ތަނުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާޒަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަށާ އަވަހަށް ނިންމުންކަމަށް އެ ކޯރޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

ހަމްދާން ވިދާޅުވީ، ސަރުކާރުގެ ދިގު ރާސްތާގެ އަމާޒާއެކު އެ ކޯރޕަރޭޝަންގެ އެންމެ މުހިންމު މަސްއޫލިއްޔަތުއްގެ ގޮތުގައި ދެކެނީ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ، އަވަސް ދުވެއްޔެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުން ކަމަށެވެ.

"މަޝްރޫޢުތައް އަވަސްކުރުމަށް މިދިޔަ 5 މަހު ތެރޭ މިހާރު ހުޅުމާލެ ފޭސް 2ގައި އެފްޑީސީން އަޅަމުންދާ 4000 ޓަވަރުގެ މަސައްކަތް ނިންމުމަށް ކަންކަން ވަނީ ކުރެވިފައި. އެގޮތުން މަސައްކަތުގެ ތާވަލް މުރާޖާކޮށް އަވަސްކުރެވޭނެ ގޮތްގޮތް ވަނީ ބަލާފައި." ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ، އައު މެނޭޖްމަންޓުން ކުންފުނި ހިންގުމާ ހަވާލުވެ ކުންފުނީގެ އޮނިގަނޑަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި މި ބަދަލުތަކާއެކު ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކުންފުނިން ހިންގާ މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ނިންމާ ބޯހިޔާވަހިކަމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަމްދާން ވަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އެފްޑީސީގެ މަޝްރޫޢުތައް ހިންގުމުގައި ލިބޭ އެއްބާރުލުން ފާހަގަކޮށް ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ޙަފްލާގައި ވަނީ އެކުންފުނީގެ އައު ލޯގޯ އާއްމުކޮށްފައެވެ. މި ޙަފްލާގައި އެފްޑީސީގެ އައު ލޯގޯ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.