ޚަބަރު

އަހަރުތަކަކަށްފަހު މި މޫނުތައް ޚަބަރުން ފެނުން، ފޮނި ހަނދާންތަކެއް ގެނުވިކަމެއް!


  • އަހަރީ ދުވަހު ޚަބަރު ގެނެސްދިނީ ކުރީގެ މަޤުބޫލު ޕްރެޒެންޓަރުން

  • ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަޢުރީފު ލިބުނު

ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ޚިދުމަތުގައި ޕީއެސްއެމް ނިއުސްއަށް 7 އަހަރު މިހާރު ވަނީ ފުރިފައެވެ. މިއަހަރުގެ އަހަރީ ދުވަހާ ގުޅުވާ، ޚާއްސަ ޕްރޮގްރާމްތަކެއް ވަނީ ގެނެސްދީފައެވެ. އެހެންނަމަވެސް އަހަރީ ދުވަހުގެ ހަރަކާތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ޕީއެސްއެމް ނިއުސްގެ ޚަބަރު ގަޑިތައް މިއަދު ހުށަހަޅައިދިން ޕްރެޒެންޓަރުންނެވެ.

ޕީއެސްއެމް ނިއުސްއަށް 7 އަހަރު ފުރި 8 ވަނަ އަހަރުގެ ޞަފްހާތައް މިވަނީ ގުނަން ފަށާފައެވެ. މި އުފާ ޕީއެސްއެމް ނިއުސް ފާހަގަކުރީ ވަރަށް ތަފާތު ހަރަކާތްތަކަކާއެކުގައެވެ. މީގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ މީގެ އަހަރުތަކެއް ކުރިން ދައުލަތުގެ މީޑިއާއިން ފެނިގެންގޮސްފައިވާ ބެލުންތެރިންގެ މެދުގައި މަޤުބޫލް އަދި ލޯބި ހޯދާފައިވާ މަޝްހޫރު މޫނުތަކެއް ޚަބަރާއެކު ބައްދަލުކޮށްލުމެވެ.

ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހާއި ގުޅުވާ މި ފަރާތްތަކަށް ޚަބަރު ލައިވްކޮށް ކިޔުމުގެ ފުރުޞަތު ވަނީ ދީފައެވެ. އެގޮތުން ހެނދުނު 10:00 ގެ ޚަބަރު ހުށަހަޅައިދިނީ މަޝްހޫރު ނޫސްވެރިޔާ ޢަލީ ސުލައިމާންއެވެ. ދައުލަތުގެ މީޑިއާގެ ޗެނަލަކުން ޚަބަރާއެކު ސުލައިމާން ބެލުންތެރިންނާއި މި ބައްދަލުކުރީ 17 އަހަރަށް ފަހުގައެވެ.

މެންދުރު 13:00 ގެ އިނގިރޭސި ޚަބަރު ހުށަހަޅައިދިނީ ކުޑަކުދިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކުރީގެ ޕްރެޒެންޓަރ ޑރ. އައިޝަތު ސިޔާދާ ސައީދު (ސިޔާދައްތަ) އެވެ. ބޮޑު ބްރޭކަކަށްފަހު ޑރ. ސިޔާދާ ބެލުންތެރިންނާއި ހަމައަށް ޓީވީ ސްކްރީނުން ފެނިގެންދިއުމުން ގިނަ ބަޔަކު ވަނީ އުފަލާއެކު އެކަން ފާހަގަކޮށްފައެވެ.

މެންދުރުގެ ކުޅިވަރު ޚަބަރު ހުށަހަޅައިދިނީ މުޅި ކުޅިވަރު އާއިލާއާވެސް ގާތްގުޅުމެއް ބާއްވާ ކުޅަދާނަ ކުޅިވަރު ނޫސްވެރިޔާ ޢަބްދުﷲ އަޒްމީނެވެ.

މެންދުރު 14:00 ގެ ޚަބަރާއި ރޭގަނޑު 7 އިނގިރޭސި ޚަބަރު ހުށަހަޅައިދިނީ ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރ އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) އެވެ. މަރީއަކީ ދިވެހި ބަހާއި އިނގިރޭސިބަހުންވެސް ޕްރޮގްރާމްތަކާއި ޚަބަރު ހުށަހެޅުމަށް ފަރިތަ ބޭފުޅެކެވެ. ޓީވީ ޚަބަރު މަރީ މި ހުށަހަޅައި މި ދިނީ 13 ވަރަކަށް އަހަރަށްފަހުއެވެ.

ހަވީރު 16:00 ގެ ޚަބަރު ގެނެސްދިނީ ދައުލަތުގެ މީޑިއާގެ ނިއުސްރޫމުގެ އިސް މަޤާމްތަކެއް ކުރިން އަދާކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާޢުއެވެ.

ރޭގަނޑުގެ 20:00 ގެ ޚަބަރާއެކު ބައްދަލުކުރީ މަޤުބޫލު އެތައް ޕްރޮގްރާމްތަކެއް އާންމުންނާއި ހަމައަށް ގެނެސްދިން، އަދި ޓީވީއެމް ޕްރެޒެންޓިންގެ ދާއިރާގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ޕްރެޒެންޓަރކަމަށްވާ އަޙްމަދު ޝަކީބް (ޝަކީއްބެ) އެވެ. ޓީވީ ޚަބަރަކުން ޝަކީއްބެ ފެނިގެން މިދިޔައީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރަށްފަހުއެވެ.

އަހަރީ ދުވަހަށް ޚާއްސަކޮށް ނިއުސް ޗެނަލްއިން ކުރީގެ ޕްރެޒެންޓަރުން ތަކެއް ފެނިގެންދިޔަ ދިއުން އާންމުންވެސް ބަލައިގަތީ ނުހަނު ލޯތްބާއި ހިތްހަމަޖެހުމާއެކުގައިކަން ސޯޝަލް މީޑިއާގައި އާންމުން ފާޅުކުރި ޝުޢޫރުތަކުން ހަމަ ޤައިމުވެސް ހާމަވެގެންދިޔައެވެ.

އާއްމުން ތިބީ މިއަޑުތައް، މި މޫނުތައް އަދިވެސް ފޫހިކަމެއްނެތި ޓީވީން ބަލާލުމަށް ކެތްމަދުވެފައެވެ. އެއްބަޔަކަށް ކުޑައިރު ހަދާންތައް އާވެގެން ދިޔަކަން ފާހަގަކުރި އިރު އަނެއްބަޔަކު އެ ފަރާއްތަކުގެ ހުނަރުވެރިކަމާއި އެ ވައްޓަފާޅި ބަދަލުވުމެއް ނެެތްކަން ފާހަގަކުރަމުންދިއެވެ.

ޕީއެސްއެމް ނިއުސްގެ މި ހަރަކާތުގެ އެންމެ މުހިންމު ބޭނުމަކީ ދައުލަތުގެ މީޑިއާއަށް އެކި ދުވަސްވަރު އެކި ގޮތްގޮތުން ޚިދުމަތްކޮށްދިން މިފަދަ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް ޝުކުރުވެރިކަމާއެކު ބަލައިގަތުމެވެ. މި ފަރާތްތަކާއެކު އޮންނަ ގުޅުން ހީނަރުވިޔަނުދީ ދެމެހެއްޓުމެވެ.

މިކަމުން އެ ބޭފުޅުންގެ ހިތްތަކުގައި އަދިވެސް ދައުލަތުގެ މީޑިއާއަށް އޮތް ލޯތްބާއި ގަދަރުވެސް މިވަނީ ފެނިގެންގޮސްފައެވެ. އަދި މިހާރުގެ މުވައްޒަފުންނާއި އޮތް ގާތްގުޅުންވެސް މިވަނީ ހާމަވެގެންގޮސްފައެވެ.