ޚަބަރު

މޫސުމީ ބަދަލުތަކަށް މުޖްތަމަޢު ހޭލުންތެރިކުރުމުގައި ނޫސްވެރީންގެ ޒިންމާ ބޮޑު: މީޑިއާ ކައުންސިލް


  • މިއަހަރުގެ ޝިއާރަކީ "ތިމާވެށީގެ ކާރިސާއާއި ކުރިމަތިލާއިރު ނޫސްވެރިކަން"

  • މޫސުމީގޮތުން ހުރި ނުރައްކާތަކަށް އާންމުން ހޭލުންތެރިވާންޖެހޭ

މޫސުމަށް އަންނަ ބަދަލުތަކާމެދު މުޅި މުޖްތަމައު ހޭލުންތެރިކުރުމަކީ ނޫސްވެރިންގެ ބޮލުގައި މިއަދު އެޅިފައިވާ ބޮޑު ޒިންމާއެއް ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަޙްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ. މީޑިއާ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައެވެ.

1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފާހަގަކުރާ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ ދުވަހަށް ޔުނެސްކޯއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ތިމާވެށީގެ ކާރިސާއާއި ކުރިމަތިލާއިރު ނޫސްވެރިކަން" މިއެވެ. މި ޝިއާރު ބިނާކޮށްފައި ވަނީ މިހާރު ދުނިޔެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ ބޮޑެތި މައްސަލަތަކާމެދު ނޫސްވެރިން ހޭލުންތެރި ކުރުމުގެ ގޮތުންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަޙްމަދު މުސްޠަފާ ވަނީ ޚާއްސަ ގޮތެއްގައި މިއަހަރަކީ ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވެ، އޭގެ ނުރައްކާ ދިވެހިރާއްޖެއަށް ކަންބޮޑުވާ ދަރަޖައަށް އޮތް އަހަރެއްކަމުގައި ކަމާއި ގުޅުންހުރި ތަޖުރިބާކާރުން ފާހަގަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިއަހަރުގެ ޝިއާރަށް ވާހަކަދައްކަވަމުން މުސްޠަފާ ވިދާޅުވީ މިކަމަށް އާންމުން ހޭލުންތެރިކުރުމަކީ ނޫސްވެރީންގެ ބޮލުގައި އެޅިފައިވާ މުހިންމު ޒިންމާއެއްކަމަށެވެ.

"މިއަދު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ނުރައްކާތެރި ކާރިސާއާއި އޭގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިމަތިވެދާނެ ކަންކަމާމެދު ފުންކޮށް ދިރާސާކޮށް މޫސުމީ ބަދަލުތަކާއި މެދު އާންމުން މުޅި މުޖްތަމައު ހޭލުންތެރި ކުރުމަށް މަސައްކަތް ކުރުމަކީ ދިވެހި މީޑިއާތަކާއި ނޫސްވެރިންގެ ބޮލުގައި މިއަދު އެޅިފައި އޮތް ބޮޑު ޒިންމާއެއް." މީޑިއާ ކައުންސިލްގެ ރައީސް އަޙްމަދު މުސްޠަފާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ޤާނޫނުގައި ކަށަަވަރު ކޮށްދީފައި އޮތް ނަމަވެސް މީޑިއާތަކާއި ނޫސްވެރީންނަށް އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވަމުން ދާކަން މުސްޠަފާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނޫސްވެރިންނަށް އިންސާފު ނުލިބި ހޭދަވާ ކޮންމެ ދުވަހަކީވެސް، މުޅި ދުނިޔޭގެ ނޫސްވެރިކަމަށްވެސް ލިބޭ އިއާދަނުކުރެވޭ ބޮޑު ގެއްލުމެއްގެގޮތުގައި ދެކޭކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.

މުސްޠަފާ ވިދާޅުވީ، ނޫސްވެރިންނާއި މީޑިއާގެ ވަސީލަތްތަކުން ފަތުރާ ޚަބަރާއި މައުލޫމާތަކީ، ނުފޫޒުން އެއްކިބާވެފައިވާ ސައްޙަ ތެދު މައުލޫމާތުކަމުގައި ހެދުމަށް ސަމާލުކަންދޭންޖެހޭކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު ދިވެހި ނޫސްވެރިންނާއި މީޑިއާތަކަށް މާލީ މިނިވަންކަން ހޯދުމަށް ޤައުމީ އިދާރީ އަދި ފަރުދީ ފެންވަރުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މުސްޠަފާ ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ އެންމެ މައިގަނޑު އަސާސްތައް ކަމުގައިވާ ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމުގައި ނޫސްވެރިން ދެމިތިބުމަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނީ އެ ފަރާތްތަކުގެ މާލީ މިނިވަން ހޯދުމަށް އަހަންމިއްޔަތުކަން ދީގެންކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.

މުސްޠަފާ ވަނީ މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ދިވެހި މީޑިއާ ތަކަށާއި ދިވެހި ލޮބުވެތި ނޫސްވެރިންނަށް މީޑިއާތަކުގެ ޙައްޤުގައި އަދި ނޫސްވެރިންގެ ޙައްޤުގައި މީގެ އިތުރަށް މީޑިއާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް މީޑިއާ ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.