ޚަބަރު

އޭޕްރީލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގެ މަސައްކަތް ކުންފުނިތަކުން ފަށައިފި


  • ރޯދަމަހު ފެނާއި ކަރަންޓު ބިލްތަކަށް ލުއި ދިނުމަކީ ރައީސް ވަޢުދެއް

  • ކަރަންޓު ބިލް އަދާހަމަ ކުރަން ސްޓެލްކޯ އަދި ފެނަކައިން މަސައްކަތް ފަށައިފި

  • މީގެ ކުރިން މާރިޗު ބިލުންވެސް ވަނީ ޑިސްކައުންޓު ދީފައި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ރޯދަމަހުގެ ކަރަންޓު ބިލް އެހެން މަސްތަކަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދައި، ބިލްތައް އަދާހަމަ ކުރުމުގެ މަސައްކަތް ކަރަންޓު ޚިދުމަތްދޭ ކުންފުނިތަކުން ފަށައިފިއެވެ.

މިކަން ހާމަކޮށް ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއްކަމަށާއި ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާ އަންގަވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މާލެ ސަރަހައްދުންގެ ބޭރުގެ ގިނަ ސަރަހައްދުތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކައިން ވެސް ވަނީ މި ބަދަލު ގެނައުމަށް ނިންމާފައެވެ. އެގޮތުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އެންމެ ފަހުން ބިލް ކުރެވުނު އެޕްރީލް މަހުގެ ބިލްތަކުގައި ރަމަޟާން މަހުން ބައެއް ހިމެނި، ކަރަންޓު ބޭނުންކުރުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށެވެ. އެހެން ކަމުން ބިލަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުގެ ބިލަށްވުރެ ބޮޑުނުވާނެގޮތަށް އަލުން ބިލްކުރުމުގެ މަސައްކަތް މިހާރު އެކުންފުނިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ރޯދަމަހުގެ ކަރަންޓު ބިލް އެހެން އެވްރޭޖް މަސްތަކަށްވުރެ ބޮޑު ނުވާނެ ގޮތަށް ހަދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެއެއެކު މިދިޔަ މާރިޗު މަހުގެ ކަރަންޓު ބިލުން ގޭބީސީތަކަށް ވަނީ ބޮޑު ޑިސްކައުންޓެއް ދީފައެވެ. ނަމަވެސް ރޯދަ މަހުގެ އެއްބައި އެޕްރީލް މަހުގެ ތެރެއަށް އެޅި އެޕްރީލްގެ މަހުގެ ބިލުވެސް ބޮޑުވުމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނާއެވެ.

ރޯދަމަހުގެ ކަރަންޓު ބިލް ބޮޑުވެގެންދިޔަ އެންމެ ބޮޑު ސަބަބަކީ މިއީ ހޫނު ދުވަސްވަރަކަށް ވުމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމެވެ. މީގެ އިތުރުން ރޯދަ މަހަކީ ކަރަންޓު ބޭނުން ކުރާ މިންވަރު އެހެން މަސްތަކަށްވުރެ އަބަދުވެސް އިތުރުވާ މަހެކެވެ. އެހެން ކަމުން ކުރިއާލާ ކަރަންޓު އިޤްތިޞާދު ކުރުމަށް ކުންފުނިތަކުން އިރުޝާދު ދެއެވެ.