ޚަބަރު

އެންމެ އުފާވެރި ރަށްރަށް ފާހަގަކޮށް އެވޯޑު ދެނީ


  • އަންނަ އަހަރު އަމަލީ ގޮތުން މި މަަސައްކަތް ފެށޭނެ

ހެޕިނެސް އިންޑެކްސްގެ ނަމުގައި އެންމެ އުފާވެރި ރަށްރަށް ކަނޑައެޅުމަށް ހާއްސަ މަޝްރޫއެއް ފައްޓަވަން ނިންމަވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ ޙާލަތު ހުރިނެތްގޮތް ދެނެގަތުމަކީ މުހިންމު ކަމެއްކަމަށް ގަބޫލުކުރެވޭތީ، ސަރުކާރުން ނިންމަވާފައިވަނީ، 'ހެޕިނެސް އިންޑެކްސް'ގެ ނަމުގައި ހާއްސަ މަސައްކަތްތަކެއް ފެއްޓެވުމަށްކަމަށެވެ.

ރަށްރަށުގެ ރައްޔިތުންގެ އުފާވެރިކަން، އެ އެރައްޔިތުން މިންކުރާގޮތް ދެނެގަތުމަށް ހިންގާ މި މަޝްރޫއު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަން ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިމަޝްރޫއުގެ މަސައްކަތް މިއަހަރު ތެރޭގައި ފައިނަލް ކުރެވި އަންނަ އަހަރު އަމަލީ ގޮތުން މި މަަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހެޕިނެސް އިންޑެކްސްގެ ދަށުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށްތައް ކަނޑައަޅައި އެވޯޑު ދިނުވެސް އެ މަސައްކަތުގެ ތެރޭގައި ހިމެނޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމަށް ވެސް އަޅުގަނޑުމެން ވިސްނައިގެން މި އުޅެނީ ހަމަ، އާންމުންގެ ޚިޔާލު ހޯދާއިގެން އާންމުގެ މަޝްވަރާގެ މަތިން" ވަޒީރު ވިދާޅުވިއެވެ.

ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް އަދި ކަނޑައެޅިފައި ނުވީނަމަވެސް، ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން ކުރާގޮތް ބަލާ، އެ މިންގަނޑު ކަނޑައަޅާނީ ފަންނީ ފަރާތްތަކާއި އަދި ރައްޔިތުންނާއި މަޝްވަރާކުރެވިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އެހެން ގައުމުތަކުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބަލާ ކަންކަމުގެ ތެރޭގައި،
- ރަށުގައި ކުށްކުރުން މަދުވުން
- ރަށުގެ ސާފުތާހިރުކަން
- އެކުވެރިކަމާއި ބަދަހިކަން
- އާއިލީ ގުޅުން
- ކުޑަކުދިންނާއި އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ރައްކާތެރި މާހައުލެއް ގާއިމްކުރުން
- މެހެމާނުންނަށް ކަމޭހިތުން
- އެރަށެއްގެ ސިއްހީ އަދި ތައުލީމީ ހާލަތު ،އާންމު ހޭލުންތެރިކަން، ދީނަށް ލޯބިކުރުން އަދި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުން ފަދަ ބައިތަކަށް ބަލާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފުރަތަމަ ފަހަަރަށް، ރާއްޖޭގެ ރަށްރަށުގައި ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މިކަމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުރަމުންދާކަމެކެވެ. އެގޮތުން އދ.އިން ކޮންމެ އަހަރަކު ވެސް ވޯލްޑް ހެޕިނެސް ރިޕޯޓެއް އާންމުކުރެއެވެ. އެންމެ އުފާވެރި ޤައުމު ކަނޑައަޅާ މައިގަނޑު ފަސް ދާއިރާއަކުން ގައުމުތައް ދަރަޖަކޮށް ދިރާސާކުރެއެވެ. އެގޮތުން ޤައުމުގެ އުފާވެރިކަން ވަޒަން ކުރުމަށް އެ ޤައުމެއްގެ އާމްދަނީ އާއި ސޯޝަލް ސަޕޯޓުގެ އިތުރުން ދުޅަހެޔޮ ސިއްހަތާއި މިނިވަން ކަމާއި ދީލަތިކަން އަދި ކޮރަޕްޝަން އޮތް މިންވަރަށް ބަލައެވެ.