ޚަބަރު

ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް މިއަހަރު ފަށަނީ


  • އައިޖީއެމްއެޗަށް އޮންނަ ޑިމާންޑް ކުޑަވާނީ އަތޮޅުތަކުގައި ސިއްހީ ހިދުމަތް ރަނގަޅުކުރެވިގެން ކަމަށް ވަޒީރު ވިދާޅުވި

މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އައިޖީއެމްއެޗަށް ބާރު ބޮޑުވާ ބޮޑުވުން ކުޑަކުރެވޭނީ އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކޮށްގެންކަމަށެވެ.

ވަޒީރު ވިދާޅުވީ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން އެ ހޮސްޕިޓަލްތަކުން ނުލިބޭ ޚިދުމަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި އެމްއާރްއައި، ސީޓި ސްކޭން އަދި ޑައިލަސިސްގެ ޚިދުމަތްވެސް ހުރިހާ އަތޮޅެއްގައި މިއަހަރު ފެށިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

" މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ، އެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން." ސިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ޑައިލިިސިސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެނީ މާލެ ސަަރަހައްދުގައި އިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލްގައެވެ. އަދި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުންވެސް މި ހިދުމަތް ފޯރުކޮށްދެއެވެ.