ޚަބަރު

ސްމާޓް މީޓަރާއެކު ކަރަންޓް ބިލު ކުޑަކުރެވޭނެ: މުއާޒު


  • އެންމެ ފުރަތަމަ މި ޕްރޮޖެކްޓް ފަށަނީ ކުޑަހުވަދޫގައި

  • ބިލަށް އަރާވަރު ކޮންމެ ދުވަހަކުވެސް ބަލާލެވޭނެ

ގޭބީސީތަކުގެ ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސްމާޓް މީޓަރު ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ކަރަންޓް ބިލު ބޮޑުވާ މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަކީ ގޭބީސީތަކުގެ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓް ބިލް ބޮޑުވާ މަހެކެވެ. މިއަހަރުގެ ރަމަޟާންމަހުވެސް ކަރަންޓް ބިލް ބޮޑުވެގެން އެކަމުގެ ޝަކުވާ އާންމު ރައްޔިތުން ވަނީ ކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، ގޭބީސީތަކުގެ ބިލް ބޮޑުވެފައި ވަނީ ބޭނުންކުރި މިންވަރު އިތުރުވުމުގެ ސަބަބުންކަމަށެވެ. އަފި އެކަމަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ގޭބީސީތަކުގެ ކަރަންޓް ބިލް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ސްމާރޓް މީޓަރ ތައާރަފްކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީވެދޭނެކަމަށް މުއާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފެނަކައިގެ ފަރާތުން މިހާރު ސްމާރޓް މީޓަރ ޕްރޮޖެކްޓެއް ފަށައިގެން މިއުޅެނީ. މާނައަކީ ކޮންމެ ދުވަހަކު އެގެއިން ކޮންސިއުމް ކުރެވޭ ޔުނިޓްތަކުގެ އަދަދު އެއިރަށް ވަގުތުން ބެލެން ހުންނާނެ. މާނައަކީ މާދަމާ ނިމޭއިރުގައި މިހާރު ބިލަށް އަރާފައޮތް ވަރު އިނގޭނެއޭ. އެއިރަށް އިނގޭނެ އިތުރަށް ކޮންސިއުމް ކުރަން ނޫނިއްޔާ އިތުރަށް އިކޮނޮމައިޒްކުރަން މަގުފަހިވެގެންދާނެ އެބަޔަކު ބޭނުންވާ ލެވެލްއަކަށް ކަރަންޓު ބިލް ބަހައްޓަން. އެކަން އަޅުގަނޑުމެން މިދަނީ ކުރަމުން ފެނަކައިގެން ފަރާތުން މިހާރު ބައެއް ރަށްރަށުގައި ހަމަ އެއްކޮށް ސްމާރޓް މީޓަރ ޕްރޮޖެކްޓް ފަށައިގެން ކުރިއަށް މިދަނީ." މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ސްމާރޓް މީޓަރ ޕްރޮޖެކްޓް އެންމެ ފުރަތަމަ ފަށާނީ ދ.ކުޑަހުވަދޫގައިކަމަށެވެ. އަދި އެރަށުގައި މިހާރު މި ޕްރޮޖެކްޓް ފެށުމަށް ތައްޔާރުވެފައިވާކަންވެސް މުއާޒު ފާހަގަކުރެއްވިއެވެ.

މުއާޒް ވިދާޅުވީ، ރަމަޟާންމަހު ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި އެއްގޮތަށް ފެނަކައިން 25 މިލިއަން ރުފިޔާގެ ޑިސްކައުންޓް ގޭބީސީތަކަށް ދީފައިވާކަމަށެވެ...