ކުޅިވަރު

މައިލޯ އެކެޑަމީ މުބާރާތުގެ ޗެމްޕިއަންކަން ސަސްއަށް


ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މައިލޯ އެކެޑަމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އެކެޑަމީން ހޯދައިފިއެވެ.

10 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ބޭއްވި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ސަސްއާ ދެކޮޅަށް ނުކުތީ ފްރެންޑްސް ފުޓްބޯލް ފެމެލީ އެކެޑަމީންނެވެ. މި މެޗު ސަސްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ތިންވަނަ ހޯދީ ކުލަބު ވެލެންސިއާ އެކެޑަމީންނެވެ. އެ ޓީމުން ވަނީ ތިންވަނަ ހޮވަން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ބީޖީ އެކެޑަމީ ބަލިކޮށްފައެވެ.

ޖުމްލަ 23 އެކެޑަމީއަކުން 31 ޓީމު މުބާރާތުގައި ވާދަކުރިއިރު، މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިތުރުން ހަތަރު އޮތަޅަކަށް ނިސްބަތްވާ އެކެޑަމީތައްވެސް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. އެއާއެކު މުޅި މުބާރާތުގައި 550 ކުދިންގެ ކުޅެފައިވާ ކަމަށް ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މިއީ އެކެޑަމީތަކަށް ޚާއްސަކޮށް ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން މި މުބާރާތް ބޭއްވި ތިންވަނަ އަހަރެވެ،