ޚަބަރު

މާލީ ދާއިރާ ހަރުދަނާކޮށް، މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފި


  • ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ސައުދީގައި

  • މާލީ އިދާރާތަކުގެ ވެރިންނާއެކު މުހިއްމު މަޝްވަރާތަކެއް ވަނީ ބާއްވާފައި

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މާލީ ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބެންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އޭގެތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ހިމެނެއެެވެ.

ފިނޭންސް މިނިސްޓަރާއެކު މި ބައްދަލުވުންތަކުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ތަރައްޤީކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

ސަރުކާރުގެ ވަފްދުގެ ބޭފުޅުން ވަނީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ރައީސްއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ފަންޑުގެ އެހީތެރިކަމާއެކު ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލްގެ އިތުރުން، ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ސީއީއޯ އަރިހަށްވެސް ސަރުކާރުގެ ވަފްދުގެ ބޭފުޅުން ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތުގައި ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ އެހީގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުންނާއި، ދެ ފަރާތުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ބާއްވާފައެވެ.

މާލީ އިދާރާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން ވަނީ ޕްލޭންތައް އެކަށައަޅާފައެވެ. އޭގެތެރޭގައި ބައިނަލްއަޤްވާމީ އެއަރޕޯޓްތަކާއި އަރބަން ސެންޓަރުތަކާއި އިޤްތިޞާދު ފުޅާކުރުމާއި ގުޅޭ އެހެނިހެން ބިޔަ މަޝްރޫޢުތައް ހިމެނެއެވެ. އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތްތަކާއެކު އިޤްތިޞާދު ސިންދަފާތުކުރުމަށް އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.