ޚަބަރު

ދައުލަތުގެ ކުންފުނިތަކާއި އާސަންދަ ރިފޯމް ކުރަނީ


  • ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައި

  • ލިބޭ އާމްދަނީއަށްވުރެ ކުރާ ޚަރަދު އިތުރު

  • އިޞްލާހީ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ

ދައުލަތުގެ ގިނަ ކުންފުނިތައް ހިންގަމުންދަނީ އެންމެ ޒިންމާދާރުކަމައެކު ނޫންކަމަށް ފެންނާނީއާއި، ކުންފުނިތަކަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް ބޮޑުވެފައިވާތީ، ކުންފުނިތައް އިޞްލާހުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ސަރުކާރު ހިއްސާވާ ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މިވަގުތު 32 ކުންފުންޏެއް އެބައޮތެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެ، ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ހިންގަމުންދަނީ އެންމެ ޒިންމާދާރުކޮށް ނޫންކަމަށާއި، އެކުންފުނިތައް ހަރުދަނާކުރަން ޖެހޭކަމަށެވެ. އަދި ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭ ނުވަތަ ރައްޔިތުން ބޭނުންވާ ގޮތަށް ފައިދާވާގޮތަށް އިންތިޒާމްވެގެން ހިންގާ ކުންފުނިތައް ވަރަށް މަދުކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު ދެކެން އެންމެ ރަނގަޅަށް ނުހިނގާ ކުންފުނިތައް ކޮންގޮތަކަށްތޯ އެކުންފުނިތައް ހިންގާނީ. ކޮން ބަދަލުތަކެއްތޯ ގެނެވޭނީ. އެސްއޯއީ ކުންފުނިތައް ހަރުދަނާކޮށް ނުވަތަ ރިފޯމްކުރުން. ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ އެސްއޯއީ ރިފޯމް ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށްޓައިގެން ކުރިއަށް ގެންދިއުމަށް. މިހާރު ކެބިނެޓަށްވަނީ ކަރުދާހެއް ހުށައަޅާ ފާސްކުރެވިފައި. މިނިސްޓްރީ އޮފް ފިނޭންސްގަ އެ އެސްއޯއީ ރިފޯމް ޕްރޮގްރާމަށް ހަދަންޖެހޭ ސްޑަޑީޒްތައް ވަނީ ހެދިފަ. އިރާދަކުރެއްވިއްޔާ އިމްލިމަންޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓާނަން." މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދައުލަތުން ސަބްސިޑީ ދިނުމުގެ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށެވެ.

"އާސަންދައަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. ވަރަށް ގިނަ ރައްޔިތުންތަކަށް ފައިދާކުރޭ. އެކަމު އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭ އާސަންދައިގެ ކަންތައް ދަނީ އެންމެ ރަނގަޅަށް ނޫންކަން. އިސްރާފް ވަރަށް ބޮޑު. އާސަންދައަށް ދޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލް ވަމުން އެދަނީ. އެއް ބިލިއަނަށް ބަޖެޓުކުރާ ޚަރަދު 2 ބިލިއަށް އަރާ. 2 ބިލިއަން ބެޖެޓުކުރީމަ 4 ބިލިއަން ޚަރަދުތައް އަރައިގެންދޭ. އެއީ ރައްޔިތުންބޭނުންވާ ގޮތެއް ނޫން." މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނި ޚަރަދުކުރަންވާނީ ޒިންމާދާރުކޮށް ޚަރަދު ކުޑަކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އާސަންދަ ނިޒާމު އިސްލާޙުކުރާނެކަމަށާއި، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ދިއުމަށް އެއީ މިވަގުތަށް ކުރުން މުހިންމު ކަމެއްގެގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ކުންފުނިތައް އިޞްލާހުކުރުމާއި އާސަންދަ އިޞްލާހު ކުރުމުގެ ވާހަކަ ކުރީ ސަރުކާރުތަކުން ދެއްކިނަމަވެސް އެކަން ކުރުމަށް ސަރުކާތައް އޮތީ ފަސްޖެހިފައިކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ފަސްޖެހިވަޑައިނުގަންނަވާކަމަށާއި، އެއްވެސްކަމެއް ފަސް ކުރުމުގެ އުސޫލެއް އެމަނިކުފާނު ނުގެންގުޅުއްވާކަމަށެވެ. ކުންފުނިތަކާއި މާލީ ކަންކަންވެސް އިޞްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅުއްވައިގެން ވީހާވެސް އަވަހަށް ރައްޔިތުން އެދޭ ބަދަލު ގެންނަވާނެކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ، އަދި ހިންގުމުގައި ދައުލަތުން ޚަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިގޮތުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.