ޚަބަރު

އައު ކާރުޚާނާތަކާއެކު އަހަރަކު 80،000 ޓަނުގެ މަސް ބަންދުކުރެވޭނެ


  • ރާއްޖޭގައި މިހާރު އަހަރަކު ބަންދުކުރެވެނީ 32،000 ޓަނުގެ ކަޅުބިލަ މަސް

  • ފެސިލިޓީތައް ނިމުމުން އަހަރަކު 187 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ

  • ފެސިލިޓީތައް އެޅުމުގެ މަސައްކަތް ނިމޭނީ 2025 ވަނަ އަހަރުގެ ފަހު ކޮޅު

ރާއްޖޭގައި އަލަށް ޤާއިމްކުރާ މަސް ޕްރޮސަސިން ކާރުޚާނާތަކާއެކު އަހަރަކު 80،000 ޓަނުގެ މަސް ޕްރޮސަސްކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މަސް ޕްރޮސަސްކުރާ އައު 2 ފެކްޓްރީ ޤާއިމްކޮށް، މިހާރު ހުރި ފެލިވަރު ޕްރޮސަސިން ފެސިލިޓީ އަޕްގްރޭޑުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތްކުރުމަށް ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންފެންގް އިލެކްޓްރިކް ކޮންޕެނީއާއެކު އެއްބަސްވުމެއްގައި މިމަހުތެރޭ ވަނީ ސޮއިކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ވިދާޅުވީ ރާއްޖޭގައި މިހާރު މަސް ދަޅު ބަންދުކުރަނީ ދެ ތަނަކުން ކަމަށެވެ. އެއީ ފެލިވަރު މަސް ބަންދުކުރާ ކާރުޚާނާއާއި ލ. މާންދޫގައި ހުންނަ ފެސިލިޓީއެވެ. ޑރ. ސިނާން ވިދާޅުވީ ރާއްޖޭގައި އަހަރަކު 128،000 ޓަނުގެ މަސް ބާނާއިރު، މީގެ ތެރެއިން އަހަރަކު ބަންދުކުރެވެނީ ގާތްގަނޑަކަށް 32،000 ޓަނުގެ ކަޅުބިލަ މަސް ކަމަށެވެ. ނަމަވެސް އައު ކާރުޚާނާތަކައެކު އެޢަދަދު 80،000 ޓަނަށްވުރެ އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ސިނާން ވިދާޅުވީ ބޭނުންވާ ވަރަށް ރާއްޖޭގައި ދަޅު މަސް ބަންދު ނުކުރެވޭތީ، ރޯ މެޓީރިއަލްގެ ގޮތުގައި ބޭރަށް މަސް އެކްސްޕޯޓުކުރަންޖެހޭ ކަމަށެވެ. މިގޮތަށް އެކްސްޕޯޓުކުރާއިރު ދުނިޔޭގެ ސަޕްލައި އެންޑް ޑިމާންޑަށް އަންނަ ބަދަލެއްގެ ސަބަބުން ރޯ މަހުގެ އަގު ދައްވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާކަމެއްކަމަށް ޑރ. ސިނާން ވިދާޅުވިއެވެ.

"މިސާލަކަށް މިދިޔަ އަހަރުގެ މެދުތެރޭ ރޯ މަހު ޓަނެއްގެ އަގު އުޅެނީ 2100 ޑޮލަރަށް. އެކަމަކު މިހާރު މި އަގު ވަނީ 1300 ޑޮލަރަށް ވެއްޓިފައި. މަސް ބާނާވަރު އިތުރުވެ ކޯލްޑް ސްޓޯރޭޖްގައި މަސް ރައްކާކުރެވޭ މިންވަރު ދަށްވުމުން މަހުގެ އަގު ވެއްޓޭ. މިހެންވެ މަސް ޕްރޮސަސްކުރާ ތަންތަނަށް ބޮޑު ފައިދާއެއްވޭ. ރާއްޖޭގައި މަސް ބަންދުކުރާ ތަންތަން އެޅުން މި ސަބަބާހުރެ ވަރަށް މުހިންމު." ޑރ. ސިނާން ވިދާޅުވިއެވެ.

ޑރ. ސިނާން ވިދާޅުވީ ޢާންމުކޮށް ރޯ މަސް އެކްސްޕޯޓުކޮށްގެން ޢާމްދަނީގެ ގޮތުގައި އަހަރަކު ލިބެނީ 90 މިލިޔަން ޑޮލަރު ކަމަށެވެ. އެހެންނަމަވެސް ދަޅުމަހުގެ ގޮތުގައި އެކްސްޕޯޓުކޮށްފިނަމަ ގާތްގަނޑަކަށް 187 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ޑރ. ސިނާން ވިދާޅުވިއެވެ.

ޑރ. ސިނާން ވިދާޅުވީ އަލަށް ޤާއިމްކުރާ މަސް ޕްރޮސަސިން ޕްލާންޓްތައް ޤާއިމްކުރެވެނީ ހިންގުމަށްކުރާ ޚަރަދު ވީހާވެސް ކުޑަ ވާނެގޮތަށް ކަމަށެވެ. އެގޮތުން އެތަންތަން ތަރައްޤީކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކަމަށް ވިދާޅުވިއެވެ. އަދި އެތަންތަނުގައި ބޭނުންކުރާނީ އިޢާދަކުރަނިވި ހަކަތަކަމަށްވެސް ޑރ. ސިނާން ވިދާޅުވިއެވެ.

ޑޮންފެންގް ކުންފުނިން ބުނާ ގޮތުގައި ފެސިލިޓީތައް ޤާއިމްކުރުމުގެ މަޝްރޫޢު ނިންމުމަށް އަމާޒުހިފާފައިވަނީ 2025 ވަނަ އަހަރުގެ ފަހު ކޮޅުއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ލަފާކުރާ ގޮތުގައި މި މަޝްރޫޢަށް 185 މިލިއަން ޑޮލަރުގެ ޚަރަދެއް ހިނގާނެއެވެ.