ޚަބަރު

މާރިޗް މަހުގެ އިމްޕޯޓު %4 އިތުރު


  • މާރޗް މަހު އިމްޕޯޓްކުރީ 4.2 ބިލިއަން ރުފިޔާގެ މުދާ

  • އެކްސްޕޯޓްކޮށްފައިވަނީ 124 މިލިއަން ރުފިޔާގެ މުދާ

މިއަހަރުގެ މާރޗް މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު %4 އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗް މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. 2023 ވަނަ އަހަރުގެ މާރިޗު މަހު އިމްޕޯޓްކުރީ 4.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ %4 އިތުރުވުމެކެވެ.

މާރިޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު %3 ވަނީ ދަށްފައެވެ. 2023 ވަނަ އަހަރުގެ މާރިޗު މަހު 330 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 320 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އެކްސްޕޯޓަށް ބަލާއިރު މިއަހަރުގެ މާރޗް މަހު އެކްސްޕޯޓްކޮށްފައިވަނީ 124 މިލިއަން ރުފިޔާގެ މުދަލެވެ. 2023 ވަނަ އަހަރުގެ މާރޗް މަހު އެކްސްޕޯޓްކޮށްފައިވަނީ 343 މިލިއަން ރުފިޔާގެ މުދާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ %64 ދަށްވުމެކެވެ.

މާރޗް މަހު އެންމެ ގިނައިން މުދާ އެތެރެކުރި ޤައުމުތައް:


* އޮމާން - 777 މިލިއަން ރުފިޔާގެ މުދާ
* އިންޑިއާ - 763 މިލިއަން ރުފިޔާގެ މުދާ
* ޔޫ.އޭ.އީ - 671 މިލިއަން ރުފިޔާގެ މުދާ
* ޗައިނާ - 440 މިލިއަން ރުފިޔާގެ މުދާ
* ސިންގަޕޯ - 401 މިލިއަން ރުފިޔާގެ މުދާ

މި މުއްދަތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ އެއީ އެކްސްޕޯޓުގެ %33 މުދަލެވެ. އިނގިރޭސިވިލާތައް %22 މުދާ، ޖަރުމަނުވިލާތައް %10 މުދާ، އިންޑިއާއަށް %6 މުދާ އަދި ފަރަންސޭސިވިލާތައް %5 މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.