ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅުގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށްފަހު ބާއްވައިފިއެވެ.
އަބްދުﷲ ޝާހިދުގެ ބައްޕާފުޅު، ޝެއިޚް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޝެއިޚް މޫސާ ޖަމީލް އަވަހާރަވިއިރު އުމުރުފުޅަކީ 88 އަހަރެވެ.
މޫސާ ޖަމީލްގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. މޫނު ދެއްކުމާއި ކަށުނަމާދުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
އަބްދުﷲ ޝާހިދުގެ ބައްޕާފުޅުގެ ޖަނާޒާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ދައުލަތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުޙައްމަދު ޞާލިހު އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޝެއިޙް މޫސާ ޖަމީލް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސް ފޮނުއްވި މެސެޖުގައި މޫސާ ޖަމީލް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމަޔާއެކުގައި ކަމަށާއި މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެވެ..
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ ނައިބު، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވެސް ވަނީ ޝެއިޚް މޫސާ ޖަމީލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ޝައިޚް މޫސާ ޖަމީލަކީ އަބްދުﷲ ކަމާލުއްދީންގެ ދަރިކަލުންނެވެ. އަދި އޭނާއަކީ ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާ ވަނީ ޤުރުއާން ހިތުދަސްކުރާ މީހުން އިމްތިހާނުކުރާ ކޮމިޓީގެ ރައިސް ކަމާއި ޝަރުއިއްޔާގެ ނައިބު ކަމާއި އިސްލާމީ މަރުކަޒުގެ އަމީނުލް މަކުތަބުކަން އަދާކުރައްވާފައެވެ. އަދި މަޖީދިއްޔާ ސްކޫލުގައި މުދައްރިސެއްގެ ގޮތުގައިވެސް ޝައިޚް މޫސާ ޖަމީލް މަސައްކަތް ކުރެއްވިއެވެ.