ކުޅިވަރު

ގައުމީ ޓީމުގެ ކޭމްޕް ދަނީ ވަރަށް ރަނގަޅަށް، ކާމިޔާބު ހޯދޭނެ: ޝުބާ


އަންނަ ހޮނިހިރު ދުވަހު މާލޭގައި ފަށުމަށް ހަމަޖެހިފަވާ ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ގައުމީ ޓީމުގެ ކޭމްޕުގެ ހަރަކާތްތައް ދަނީ ވަރަށް ރަނގަޅަށް ކަމަށް އަންހެން ކުޅުންތެރިޔާ އާމިނަތު ޝުބާ އާދަމް ބުނެފިއެވެ.

މުބާރާތަށް ގައުމީ ޓީމު ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ސްޕޯޓްސް ބަޒް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝުބާ ބުނީ ތައްޔާރުވުންތައް ދަނީ ރަނގަޅަށް ކަމަށާއި، ޓީމަށް ކާމިޔާބު ހޯދެނޭ ކަމުގެ އިތުބާރު ބޮޑުކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޭމްޕްގައި ކުރިއަށްދާ ތަމްރީންތަކުގައި އިންޑިއާގެ ތަޖުރިބާ ހުރި ދެ ޗެމްޕިއަނުން ބައިވެރިވެއެވެ. އެއީ އިންޑިއާގެ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިކާއި، ސްޓޭޓް ފެންވަރުގެ މުބާރާތްތަކުން ޗެމްޕިއަން ހޯދާފަވާ ކުޅުންތެރިއެކެވެ. ޝުބާ ބުނީ ކޯޗެއް ގެނެސްގެން ކުރިއަށްދާ ތަމްރީންތަކަށްވުރެ، އިންޑިޔާގެ ކުޅުންތެރިންގެ އެހީތެރިކަމާއެކު ކުރިއަށްދާ ތަމްރީންތަކުގެ ފައިދާ ބޮޑު ކަމަށެވެ.

"
ކުޅުންތެރިން ވީމާ މިހާރު ކޯޗަކާ ތަފާތު ވާނެ ކަންނޭގޭ. ކުޅުންތެރިން ވީމާ ކުޅުންތެރިންނަށް އިހުސާސްވާނެ ކުޅުންތެރިންގެ ހުންނަ އިޝޫސް. އަޅުގަނޑުމެން އަތަށް ބަލާލާފައި އެބަ ބުނޭ މިގޮތަށޭ ކުޅެން ރަނގަޅުވާނީ. މިއީއޭ އިޝޫއަކީ. މި ފަޅިން ކުޅުނީމާ ރަނގަޅުވާނެއޭ.
އައިމިނަތު ޝުބާ އާދަމް - ގައުމީ ކެރަމް ޓީމުގެ އަންހެން ކުޅުންތެރިޔާ

ޝުބާ ބުނީ މުބާރާތަށް ތައްޔާރުވުމަށް ކުޅުމުގެ އިތުރުން ގައުމީ ޓީމުގެ ތަމްރީނުން ބޭރުން ފިޒިކަލް ފިޓްނަސް ހިފެއްޓުމައްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެހެން ކުޅިވަރުތަކާ ޚިލާފަށް ކެރަމްއިން ކުރިއަށްގެންދަނީ "ފުލް ޑޭ" ކޭމްޕެއްކަން ޝުބާ ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތް އަންނަ ހޮނިހިރު ދުވަހު ފެށިގެންދާއިރު، އިންޑިއާގެ ދެ ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ކޭމްޕް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.