ޚަބަރު

ތަރައްޤީގެ މަސައްކަތުގައި ބައިވެރިވުމަށް ސިޔާސީ ހުރިހާ ލީޑަރުންނަށް ރައީސްގެ ދައުވަތު!


  • އެކުވެރިކަމާއެކު ގުޅިގެން ކުރިއަށްދާން ރައީސް އެދިވަޑައިގެންނެވި

  • ގައުމު ތަރައްޤީކުރުމަކީ ހުރިހާ ބޭފުޅުންގެ ޒިންމާއެއްކަން ފާހަގަކުރެއްވި

ސިޔާސީ ވާދަވެރިކަން ދޫކޮށް، ހުރިހާ ސިޔާސީ ލީޑަރުން ގުޅިގެން ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު ދެން ފެނިގެންދާނީ އަންނަން އޮތް ޖީލުތަކަށް އުފާފާގަތިކަން ގެނުވައިދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ މަންޒަރުކަމަށެވެ. އަދި ދިވެހިންނަކީ ކަންކަމުގައި އަމިއްލައަށް ބަސް ބުނެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަން ބައިނަލްއަގުވާމީ މުޖުތަމައަށް މިހާރު ސާފުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ދިވެހީންގެރާއްޖެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޔާސީ ލީޑަރުންވެސް ސިޔާސީ ވާދަވެރިކަން ދޫކޮށްލުމަށްފަހު، ގައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ. އަދި އެމަނިކުފާނަކީ ސިޔާސީ ކުލައަށް ބަލައިގެން އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުން ގެންގުޅުއްވާނެ ބޭފުޅެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރި އޮޅާލައިގެން ހިނގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްމެންނަށް އޭގެން ލިބޭނީ އުފާވެރިކަން. އަޅުގަނޑު ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ. ކޮންމެ ޕާޓިއަކަށް ނިސްބަތްވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެއިން ކޮންމެ ބޭފުޅަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމު ތަރައްގީކޮށް ކުރިއެރުވުމަކީ ކޮންމެ މީހެއްގެ ވެސް ފަޚުރު ކަމުގައި ދެކިގެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި އިސްލާމްދީނަށް ނަސްރު ދިނުމުގެ ހިތްވަރު އައުކޮށް، ކުރިން ރާއްޖޭގައި އޮތް އަވަށްޓެރިކަމާއި އެކުވެރިކަމުގެ ރޫހު އަލުން އިއާދަކޮށް ހަގީގީ މާނާގައި ޤައުމަށް ހަމަޖެހުން ގެނައުމުގެ އަޒުމް އައު ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލެއްވިއެވެ.