ޚަބަރު

ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް ޙަމަލާދޭން ފަށައިފި


ސޫރިޔާގެ އިރުއުތުރުގައި އެމެރިކާ ސިފައިން ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ޙަމަލާ ދީފައި ވަނީ, ޢިރާޤުގެ ރަށެއް ކަމުގައިވާ ޛިމާރީގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުންނެވެ.
މިއީ, ފެބުރުވަރީ މަހު މެދުކަނޑައިލުމަށް ފަހު, މެދުއިރުމަތީގެ ޤައުމުތަކުގައި ގާއިމުވެ ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެވެ. ސޫރިޔާގައި އިރުއުތުރުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާ ދޭން ޛިމާރީން ފަސް ރޮކެޓް އުދުއްސައިލާފައިވެއެވެ.

ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެމެރިކާ ސިފައިންނަށް ޙަމަލާ ދީފައި މި ވަނީ, އެމެރިކާގެ ރައީސް ޖޯ ބައިޑަނާ ބައްދަލު ކުރެއްވުމަށް ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީ ވޮޝިންގޓަނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވުމާ ދިމާކޮށެވެ.

ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް ރޮކެޓް ޙަމަލާތަކެއް ދީފައި ވަނީ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ކަތާއިިބު ޙިޒްބުاللهންނެވެ. އެ ޖަމާޢަތުން ވަނީ, ޢިރާޤުގެ އިތުރުން މެދުއިރުމަތީގެ އެހެން ޤައުމުތަކުގައި ގާއިމުވެ ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް ޙަމަލާދޭން އަލުން ފެށުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ. "މިއީ ޙަމަލާތަކުގެ ފެށުން،" އެ ޖަމާޢަތުން ބުންޏެވެ.

ޛިމާރީގައި ހަރަކާތްތެރިވަމުން ދިޔަ ކަތާއިބު ޙިޒްބުاللهގެ ހަނގުރާމަވެރިން ސޫރިޔާއަށް އަމާޒުކޮށް ރޮކެޓްތައް ފޮނުވައިލަން ފެށި ވަގުތު, އެ މީހުން ބޭނުން ކުރަމުން ދިޔަ ރޮކެޓް ލޯންޗަރުގައި އަލިފާން ރޯވެ, ގޮވާފައިވާ ކަމުގައި އެ ސަރަޙައްދުގައި ތިބި މަސްދަރުތަކުން ބުނެއެވެ. އެ ވަގުތު, އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް އެ ސަރަޙައްދުގައި އުދުހެމުން ދިޔަ ނަމަވެސް, ރޮކެޓް ލޯންޗަރަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ޢިރާޤުގެ އަސްކަރިއްޔާއިން ބުނީ, ކަތާއިބު ޙިޒްބުاللهން ބޭނުން ކޮށްފައިވާ ހަތިޔާރުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި, މި ހާދިސާ ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. އަދި, މި ކަމާ ގުޅޭ މަޢުލޫމާތު ޢިރާޤުގައި ހަރަކާތްތެރިވާ އެމެރިކާގެ އިސްތިޢުމާރީ ފައުޖާ ހިއްސާ ކުރާނެ ކަމުގައި ވެސް އެ ޤައުމުގެ އަސްކަރިއްޔާއިން ބުންޏެވެ.

އޭޕްރިލް 20 ވަނަ ދުވަހު ޢިރާޤުގެ އަސްކަރީ މަރުކަޒެއްގައި ބާރުގަދަ އެއްޗެއް ގޮވައި, ޢިރާޤުގެ ސަލާމަތީ ބާރުގެ މެންބަރެއް ޝަހީދުވިއެވެ. އެއީ, އީރާނުން ވާގިވެރިވާ ހަތިޔާރުއެޅި ޖަމާޢަތަކަށް ނިސްބަތްވާ މެންބަރެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަސްކަރީ މަރުކަޒުގައި އެއްޗެއް ގޮވާފައި ވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ދިން ޙަމަލާއެއްގައި ކަމަށް ބެލެވޭއިރު, އެ ކަން ކަށަވަރު ކުރުމަށް ތަޙުޤީޤު ފަށާފައިވެއެވެ.