ޚަބަރު

މަޖިލިސް އިންތިޚާބު: ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފި


  • އެކަކު ހައްޔަރުކުރީ މާލެއިން

  • ދެ މީހުން ހައްޔަރުކުރީ ގދ. ފިޔޯރިން

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސެކިއުރިޓީ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި 3 މީހުން ދޫކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އޮޕަރޭޝަން ބްލޫ ޓައިޑްގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އަދި ފުލުހުންގެ އެލާޓް ލެވެލްވެސް ވަނީ އެންމެ މަތިކޮށްފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން 3 މީހަކު ހައްޔަރުކުރިއިރު ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު ހައްޔަރުކުރިއެވެ. އަދި ބާކީ ތިބި 2 މީހުން ހައްޔަރުކޮށްފައިވަނީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީންނެވެ. ފުލުހުން ވިދާޅުވީ މި އެންމެންވެސް މިހާރު ދޫކޮށްލާފައިވާކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި ދިވެހި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އަދި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގެ ކަންކަމުގައިވެސް ގިނަ އަދަދެއްގެ ފުލުހުންވަނީ ހަރާކާތްތެރިވެފައެވެ. ފުލުހުން ވަނީ މަޖިލިސް އިންތިހާބުގެ އެންމެހައި ކަންކަން އަމާން އޮމާން ކަމާއެކު ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.