ޚަބަރު

ރައީސް މައުމޫންގެ އެދިވަޑައިގަތުމަކީ ވޯޓުލުން ކުރިއަށްދާއިރު އަމާންކަން ދެމެހެއްޓުން!


  • ވޯޓްލުން އަވަސްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި

މަޖިލިސް އިންތިހާބުގެ ވޯޓްލުން ކުރިއަށްދާއިރު އަމާންކަން ދެމެހެއްޓުމަކީ އެންމެ ބޮޑު އެދިވަޑައިގަތުންކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ވޯޓުލުމުގެ ކަންކަން ކުރިއަށް ދާއިރުވެސް އެމަނިކުފާނު ތަކުރާކުރައްވަން ބޭނުންފުޅުވާ ނަސޭހަތަކީ އަމާންކަން ދެމެހެއްޓުންކަމަށެވެ. އަދި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ އަބަދުވެސް އެންމެ ބޮޑު އެދުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނަށް ލިބިފައިވާ ވޯޓްލުމުގެ ހައްގު ބޭނުންކޮށް، ވީހާވެސް އަވަހަށް ވޯޓްގެ ކަންކަން ނިންމެވުމަށް އިލްތިމާސްކުރައްވާފައެވެ.