ޚަބަރު

96% ފޮށީގެ ވޯޓުލުން މިހާތަނަށް ވަނީ ފެށިފައި: އިލެކްޝަންސް


  • 602 ފޮށީގެ ތެރެއިން 578 ފޮށީގެ ވޯޓުލުން މިހާތަނަށް ވަނީ ފެށިފައި

  • ވޯޓުލާ ގަޑިއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށް އީސީން ބުނޭ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައެޅީފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން 96 ޕަސެންޓް ފޮށީގެ ވޯޓުލުން މިހާރު ފެށިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ވޯޓުލާން ހަމަޖެހިފައިވާ 602 ފޮށީގެ ތެރެއިން 578 ފޮށީގެ ވޯޓުލުން މިހާތަނަށް ފެށިފައިވާކަމަށެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ބަހައްޓައެވެ.

ޒަކަރިއްޔާ ވިދާޅުވީ، ބައެއް މަރުކަޒުތަކުގައި އެކި ސަބަބުތަކާ ހެދި ވޯޓުލުން ލަސްވިނަމަވެސް، މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފެށުނު ފަހުން މިހާތަނަށް ވޯޓުލުމުގެ ހުރިހާކަމެއް ވެސް ވަރަށް އަމާންކަމާއެކު ކުރިއަށްދާ ކަމަށެވެ.

ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންގޮސް، އަވަހަށް ވޯޓުލާ ނިންމުމަށް ޒަކަރިއްޔާ އިލްތިމާސްކުރެއްވިއެވެ.