ޚަބަރު

ވޯޓުލުމަކީ ޤައުމީ ވާޖިބެއް، މިނިވަންކަމާއެކު ވޯޓުލައްވާ: ފުއާދު


  • ވޯޓުލާން ދިއުމުގެ ކުރިން ވޯޓުލާ މަރުކަޒު ޔަގީންކުރުމަށް އިލްތިމާސްކުރެއްވި

  • ލަސްނުކޮށް، ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރެއްވި

  • ވޯޓުލުމަށްފަހު އެއްވެސް މީހަކު ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި މަޑުނުކުރުމަށް އިލްތިމާސްކުރެއްވި

ވޯޓުލުމަކީ ޤައުމީ ވާޖިބެއް ކަމަށާއި މިނިވަންކަމާއެކު ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެދިވަޑައިގެންފިއެވެ.

މިހާރު ކުރިއަށްދާ މަޖިލިސް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެއްވި މެސެޖުގައި ވަނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލުން ފަސްކޮށްފިނަމަ ކިޔޫގައި މަޑުކުރަން ޖެހޭ ވަގުތު އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުއާދު ވަނީ ވޯޓުލާން ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް އެ މީހަކު ވޯޓުލާންދާން ޖެހޭތަން ޔަގީން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. ފުއާދުވަނީ ބައެއް ފޮށިތައް ހުރި ސަރަހައްދުތައް ބަދަލުވެފައިވާކަން ފާހަގަކުރެއްވިއެވެ.

"ވޯޓުލުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް، ޤައުމީ ވާޖިބެއް. އެކަން އަދާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އެމީހަކަށްޓަކައި އެމީހެއްގެ ފަރާތުން އެމީހަކު ދެކޭގޮތުގައި އެމީހެއްގެ އަޑު މަޖިލިހުގެ ތަޅުމުގައި އުފުލަން އެންމެ އެކަށީގެންވާ، އެކަމަށް އެންމެ ގާބިލް، އެކަމަށް އެންމެ ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ މީހަކަށް އެ ވޯޓު ދެއްވީމަ ހުންނާނީ ރަނގަޅަށް،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވަނީ ވޯޓާ ގުޅުވައިގެން އެއްވެސް މީހަކު ދޭ ހަދިޔާއެއްގައި ނުވަތަ އެ ނޫންވެސް މަންފާއެއް ލިބޭ އެއްޗެއްގައި ނުހިފުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވޯޓުލުމަށްފަހު އެއްވެސް މީހަކު ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި މަޑުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30 އާ ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.