ރިޕޯޓް

ދިވެހިން ބުރަ މަސައްކަތާ ދުރަށް !


މިއަދަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހެވެ. ބައިނަލްއަޤްވާމީ ގޮތުން މިދުވަސް ފާހަގަކުރަނީ މަސައްކަތްތެރިންގެ ޙައްގުތައް ޙިމާޔާތްކުރުމަށެވެ. ބައިނަލްއަގްވާމީ ގޮތުން މަސައްކަތްތެރިންގެ ދުވަހެއް ދުނިޔޭގައި ފާހަގަކުރަން ފެށީ 1 މެއި 1886 ގައެވެ.

ދުނިޔޭގައި މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އެބައިމީހުންގެ މަސައްކަތް ވަޒަންކުރުމާއި އަދި އެބައިމީހުންގެ މަސައްކަތުގެ މާޙައުލުގެ ފަހިކަމަށް ބާރުއެޅުން ފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. މިދުވަސް ރާއްޖޭގައިވެސް އަންނަނީ ފާހަގަކުރަމުންނެވެ. ރާއްޖެއަކީވެސް މަސައްކަތްތެރިންނާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ބަލައިގަނެ، އަދި މަސައްކަތްތެރިންގެ ޙައްޤުތަކަށް އިސްކަންދޭން ޖެހޭ ވަޒީފާއާބެހޭ ޤާނޫނެއް ތަންފީޒުކުރަމުން އަންނަ ޤައުމެކެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން ދިވެހިންނަކީވެސް އަމިއްލަވަންތަ އަމިއްލަ މަސައްކަތްތަކެއްގެ މައްޗަށް އާމްދަނީ ބަރޯސާކޮށްގެން ދިރިއުޅެމުން އައި ބައެކެވެ. ދިވެހި ތާރީޚަށް ބަލާއިރު، ދިވެހިންނަކީ، މަސްވެރިކަމާއި ދަނޑުވެރިކަމުން ޢާމްދަނީގެ ބޮޑުބައެއް ހަމަޖައްސަމުން އައި ބައެކެވެ. އުޅަނދުފަހަރު ބަނުމާއި ގޯތިގެދޮރުއެޅުމާއި ފަރުނީޗަރާއި ދިރިއުޅުމަށް ބޭނުންވާ ތަކެތި އަމިއްލައަށް ތައްޔާރުކުރުމަކީ ދިވެހިން އަމިއްލައަށް ކުރަމުން އައިކަމެކެވެ. 

ތާރީޚަށް ބަލާއިރު ދިވެހިންގެ މަސައްކަތްތައް ކުރީ ދިވެހިންގެ އަމިއްލަ މަސައްކަތުންނެވެ. ދިވެހިންނަކީ މަސައްކަތުގައި ހީވާގި މުރާލިކަން ދައްކައިދީފައިވާ ބައެކެވެ. ބިދޭސީ މަސައްކަތު މީހުންގެ ބޭނުންކުރަން ދިވެހިން ފެށީ ފަހުގެ ތާރީޚެއްގައެވެ. އެއީ، ރާއްޖޭގައި ފަތުރުވެރިކަމާއި އިމްޕޯޓް ވިޔަފާރި ހަމައެކަނި ބިދޭސީން މަސައްކަތްކޮށްގެން ދެކޮޅު ޖެއްސޭވަރަށްވުރެ އިތުރުވުމާއި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް އިތުރުވެ، މަސައްކަތުގެ މީހުން ބޭނުންވާ މިންވަރު އިތުރުވުމުން ބިދޭސީ މަސައްކަތު މީހުން ހޯދަން މަޖުބޫރުވުމުންނެވެ.

img:http://s2.psmnews.mv/images/660x400/14621128157244.jpg|ދިވެހިންނަށްވެސް ކުރެވޭ މަސައްކަތެއް ކުރުމުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ

ރާއްޖޭގެ އިގްތިސާދަށް އައި އިންގިލާބީ ބަދަލާއެކު ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ކުރިއަރާ ރާއްޖޭގެ އިގްތިޞާދުގައި ވަނީ ގިނަ ޙަރަކާތްތަކެއް ފެށިފައެވެ. މިޙަރަކާތްތައް ފެށުމާއެކު ރާއްޖޭގައި ދިވެހިން ކުރަމުން އައި ބުރަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ވަޑާން ކުރުމުގެ ބުރަ މަސައްކަތްތަށް ކުރުމާއި ދިވެހިން ވަނީ ކޮންމެވެސްވަރަކަށް ދުރަށް ޖެހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އަވަށްޓެރި ޤައުމުތަކުން މަސައްކަތްތެރިން ގެންނަން ފެށިއެވެ. މިހާރަށް ބަލާލާއިރު އިޤްތިޞާދީ މައިގަނޑު ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ވަނީ އިންތިހާއަށް ގިނަވެފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި 135 ހާހަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ވާޒީފާ އަދާކުރަމުންދާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަދަދަކީ ރާއްޖޭގެ އަބާދީގެ ޖުމްލަ އާބާދީއާއި އަޅާބަލާއިރު، އާބާދީ ހަތަރުބައި ކުޅައެއްބައަށްވުރެ އިތުރު އަދަދެކެވެ. މިއިން ދައްކައިދެނީ ބުރަ މަސައްކަތްތައް ކުރުމުގައި ދިވެހިން ފަސްޖެހުމުންދާކަމެވެ. ނަމަވެސް މިފަދަ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރަމުންދާއިރު މިއީ އަޅުގަނޑުމެން ވިސްނަންޖެހިފައިވާކަމެކެވެ.

މި ބޭނުންތައް ރާއްޖޭގައި މިހާރުވެސް އޮތްނަމަވެސް، ދިވެހިންނަށް ކުރެވޭނެ އަދި ކުރަމުން އައި އެހެން ގިނަ މަސައްކަތްތަކެއްވެސް ބިދޭސީން ބޭނުންކޮށްގެން ކުރަން ފަށައި ހައްޓަށް ބުރަ އަދި މުރާލިކަމާއެކު ކުރެވޭ އެތައް މަސައްކަތަކުން ދިވެހިން ދުރުހެލިވެފައިވާކަން ފާހަގަކުރެވެއެވެ.