ކުޅިވަރު

ސާފިން އަދި ބޮޑީބޯޑިންގެ ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމް އެޅުމަށް ޗައިނާގެ ކުންފުންޏަކަށް


ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޮޑު ސްޓޭޑިއަމެއް ރާއްޖޭގައި އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ގްރޭޓާ މާލޭ ރީޖަންގައި ގާއިމުކުރާ ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޮއު ވިއުޑޮންގެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ސާފިން އެސިއޭޝަނާއި ބޮޑީބޯޑިން އެސޯސިއޭޝަނުން ބޭނުންވެގެން މަސައްކަތްކުރި ކަމެއް ކަމަށެވެ. އަދި އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވިގެންދާއިރު ހުރި އެކި ދަތިތައް ނައްތާލުން ކަމަށްވެސް ވިދާޅުވިއެވެ.

"
ބައިނަލްއަގުވާމީ މުބާރާތްތައް ކުރިއައްދާއިރު ޖަޖުން ތިބޭނެ ތަންތަނާއި، ކުޅިބަލަން ތިބޭ މީހުން ތިބޭ ތަންތަނާއި، މީޑިއާ ކަވަރުކުރަން އަންނަ މީހުން ތިބޭނެ ތަނެއް ނެތުމަކީ އަޅުގަނޑުމެންގެ ކުޅިވަރު އަދި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއަށްގެންދާކަން ދުނިޔޭގެ އެހެން ތަންތަނަށް ދެއްކުމައްޓަކައި މި ބާވަތުގެ ކަންކަން ކުރަން ދަތިވެފަ އޮތްކަމެއް.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މި ސްޓޭޑިއަމް ތަރައްގީކުރުމަށް ހަވާލުވި ޗައިނާ ކުންފުނީގެ އެމްޑީ ޒޮއު ވިދާޅުވީ މި ކުޅިވަރަކީ ރާއްޖޭގެ ސަގާފަތާ އާދަކަދާ ދިރުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކުޅިވަރެއް ކަމަށެވެ. އަދި ރާއްޖޭގެ ސާފިންއަކީ ވަރަށް ރޫހު ދިރުވައިދޭ ވާދަވެރި ކުޅިވަރެއް ކަމަށާއި، އެގޮތުން ރާއްޖޭގެ މި ކުޅިވަރު އިތުރަށް ކުރިމަގުގައި ވަރުގަދަވެގެންދާތަން ދެކެން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

"
ވަރަށް ޝައުގުވެރި މަޝްރޫއެއް މިއީ. ވަރަށް ބޮޑަން ޔަގީންކަން އެބައޮތް ބޭނުންވާ ފެންވަރަށް މަސައްކަތް ނިންމާލެވޭނެ ކަމަށް.
ޒޮއު ވިއުޑޮންގް - ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު

ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނަކީ މިހާރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސްވިމިން ޕޫލުގެ މަސައްކަތާއި، މިހާރު ކުރިއަށްދާ ޓެނިސް ކޮންޕްލެކްސްގެ މަޝްރޫއު ކުރިއަށްގެންދާ ކުންފުންޏެވެ.