ކުޅިވަރު

ރޭގެ މެޗު އެއްވަރުވެ، ލީގު ހޯދުމަށް ބަޔާނަށް އިތުރު އިންތިޒާރެއް


ބޮރޫޝިއާ މޮންޚެންގްލެޚްބާއާއި އެއްވަރުވެ، ޖަރުމަން ބުންޑަސްލީގާ ހޯދުމަށް ބަޔާން މިޔުނިކުން އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެއެވެ. 

ޖަރުމަން ބުންޑަސްލީގާގައި ރޭ ބޮރޫޝިއާ މޮންޚެންގްލެޚްބާއާއި ދެކޮޅަށް ބަޔާން ކުޅުނު މެޗް އެއްވަރުވީ އެކެއް އެކަކުންނެވެ. މި މެޗުގައި ބަޔާން މިޔުނިކްގެ ލަނޑު ޖަހައިދިނީ ތޯމަސް މުލާއެވެ. ބޮރޫޝިއާ މޮންޚެންގްލެޚްބާގެ ލަނޑު ޖަހައިދިނީ އަންދްރޭ ޚާންއެވެ. 

މެޗަށްފަހު ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ރޭގެ މެޗަށް ނިކުތީ މެޗް ކާމިޔާބުކޮށް ލީގު ޔަގީންކުރަންކަމަށާއި، އިތުރު އިންތިޒާރެއް ކުރަންޖެހުމަކީވެސް މައްސަލައެއް ނޫންކަމަށެވެ. ބާކީ އޮތް ދެ މެޗުން ލީގު ޔަގީންކުރަން ބަޔާނަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގާޑިއޯލާ ބުނީ ލީގުގެ ޕްރެޝަރު ނެތުމަކީ ޗެމްޕިއަންސް ލީގާއި ކުރިމަތިލާއިރު ލިބޭ ހިތްހަމަ ޖެހުމެއްކަމަށެވެ. 

"ބާކީ އޮތް ދެ މެޗުން އަހަރެމެން ބޭނުންވަނީ އެއް ޕޮއންޓް، އެހެންވީމަ މި މެޗް އެއްވަރުވުމަކީ މައްސަލައެއް ނޫން، މިރޭގެ މެޗަށް ނިކުތީ މެޗް ކާމިޔާބުކޮށް ލީގް ޔަގީންކުރަން، އެއީ ހުރިހާ ސަޕޯޓަރުންވެސް ބޭނުންވާނެ ގޮތަކީ" ގާޑިއޯލާ ބުންޏެވެ.

ސަޕޯޓަރުންގެ އުއްމީދުތައް އޭނާއަށް އިނގޭކަމަށާއި، ބަޔާން ދޫކޮށް މި ސީޒަންގައި ދިޔަޔަސް ހުރިހާ ކާމިޔާބަކާއިއެކު ސީޒަން ނިންމާލަން ބޭނުންވާކަމަށެވެ. 

ޕެޕް ގާޑިއޯލާ އަންނަ ސީޒަންގައި ފެނިގެންދާނީ އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީގެ ކޯޗުގެ ގޮތުގައެވެ.