ޚަބަރު

މުޅި ދައުރުން ނިންމުނީ 216 ފްލޯ، މިހާރު އެންމެ 4 މަހުން 192 ފްލޯ ނިންމައިފި


  • ލިސްޓް ލިބޭތާ 3 ދުވަސް ތެރޭ ފްލެޓު ހަވާލުކުރާނެ

  • 10ޓަވަރުގެ ކޮންސްޓްރަކްޝަން އެއްކޮށް ނިމިފައި

  • 5 ޓަވަރުގައި ފިނިޝިން މަސައްކަތް ދަނީ ކުރަމުން

  • މުޅި މަޝްރޫޢު މިއަހަރު ނިންމާނެ

އަމާން ހިޔާގެ ފްލެޓުތައް އެޅުމުގެ މަސައްކަތް ދެގުނަ ހަލުއިކޮށްފައިވާކަމަށާއި، އެކުންފުނިން ހިންގާ ހުރިހާ މަޝްރޫޢެއް މިއަހަރު ނިންމާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. ކުރީ ސަރުކާރުގެ 22 މަސް ދުވަހުން ކުރި މަސައްކަތް، މި ދައުރުގެ އެންމެ 4 މަސް ދުވަހުގެ ތެރޭގައި ވަނީކޮށްފައެވެ. މިއީ ކުރީ ސަރުކާރުންކުރި މަސައްކަތުގެ ދެގުނައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ މަޝްރޫޢު އަވަސްކުރުމާއި ފްލެޓްތައް ހަވާލުކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ހަމްދާން ވިދާޅުވީ މި މަޝްރޫޢު އަވަހަށް ނިންމާ ހަވާލުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ސަރުކަރުގެ ކަމާ ގުޅުންހުރި ވުޒާރާތައް އަދި ކުންފުނިތައް ގުޅިގެން ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން ސަރުކާރު ހަވާލުވެ، މަޝްރޫޢުގެ ސްޕީޑަށާއި، އެނޫންވެސް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، މިހާރު އެ ބަދަލުތައް ހިމެނޭހެން މަސައްކަތްތައް އަވަސްކޮށްފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގައި ހިމެނެނީ އަމާން އުދަރެސް 16ޓަވާރާއި އަމާން ދޯދި 16 ޓަވަރު ހިމެނޭހެން ޖުމުލަ 4000 ޔުނިޓެވެ.

ޓަވަރުތަކުގެ ތެރެއިން ޝީޓު އެޅުމުގެ މަސައްކަތްތައް ނުފަށާ އެއްވެސް ޓަވަރެއް މިހާރު ނެތެވެ. 10 ޓަވަރުގެ ކޮންކްރީޓް ސްޓްރަކްޗަރގެ ހުރިހާ މަސައްކަތްތަކެއްވެސް މިހާރު ވަނީ ނިންމާލާފައެވެ. 5ޓަވަރުގައި ފިނިޝިން މަސައްކަތުގެ %97 ވަނީ ނިންމާލާފައެވެ. ހަމްދާން ވިދާޅުވީ ބައެއް ފްލެޓުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށެވެ.

"4 ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. ހުރިހާ ޓަވަރުތަކުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދޭ. ކޮންސްޓްރަކްޝަންއާއި ފިނިޝިންގެ މަސައްކަތްތައް އެކުއެކީގައި ކުރިއަށްދޭ." ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ފްލެޓްތައް އަވަހަށް ނިންމުމަކީ އެންމެ އިސްކަންދޭ މަސައްކަތްކަމަށެވެ. އެގޮތުން ޕްރޮޖެކްޓް އަވަސްކުރުމަށް އިތުރު ލޭބަރުން ގެނައުމަށްވެސް ނިންމާފައިވާކަަމށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ކުރީ ސަރުކާރުގައި 22 މަސް ދުވަހުން ނިންމިފައިވަނީ 216 ފްލޯގެ ކޮންކްރީޓް މަސައްކަތްކަތް އެކަނިކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މިވީ 4 މަސް ދުވަހުގެ ތެރޭގައި 192 ފްލޯގެ މަސައްކަތް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމްދާން ވިދާޅުވީ ނިމުނު ސަރުކާރުގައި 22 މަސްދުވަހުން ކުރި މަސައްކަތާ މި ދަރުރުގެ 4 މަސްދުވަސް އަރާ ހަމަކޮށްފިކަމަށެވެ.

"ޓަރގެޓަކީ މިއަހަރު މުޅި މަޝްރޫޢު އެއްކޮށް ނިންމުން. އެންމެ ފަހު ޓަވަރާ ހަމައަށް ނިންމާލުން." ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ފްލެޓްތައް ނިމެމުންދާވަރަކަށް، ޙައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ލިސްޓް އެފްޑީސީއަށް ލިބޭތާ 3 ދުވަހުގެތެރޭގައި ފްލެޓް ޔުނިޓު ހަވާލުކުރާނެކަމަށް ވިދާޅުވިއެވެ. މިކަމާ ގުޅޭ އިދާރީ މަސައްކަތްތަކާއި ލިޔެކިޔުންތައްވެސް އެކުލަވާލާ ނިމިފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.

ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. ލިސްޓާ ގުޅޭގޮތުން ގެދޮރުވެރިކަމާ ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އަލީ ޙައިދަރު އަޙުމަދު ވިދާޅުވީ، ލިސްޓާ ގުޅިގެން ހުރި މަސައްކަތްތައް ފްލެޓް ކޮމިޓީއިން ބަލާ، އެ މަސައްކަތް އަވަސްކުރަމުންދާކަމަށެވެ.

"އެގްރިމަންޓްތައް ހެދުމަށް އޭގެ ޕްރިންޓިން މަސައްކަތްވެސް ވަނީ ނިމިފައި. ލިސްޓް ލިބުނީމަ އެ ފަރާތެއްގެ ނަމާ އެޕަރޓްމަންޓް ނަންބަރު ޖަހާލީމަ ނިމުނީ. ލިސްޓް ލިބޭތާ 3 ދުވަސްތެރޭ ހަވާލުކުރާނަން." ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ކުރީ ސަރުކާރުގައި ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ ޓަވަރުތަކަށް ބޭނުންވާ ވަރަށް ގިނަ އަސާސީ މަސައްކަތްތައްވެސް ނުހިމަނާކަމަށެވެ.

އެގޮތުން ކުނި އުކޭނެ އިންތިޒާމްތައް ނެތް އިރު، ސީސީޓީވީއާއި އިންޓަނެޓް ޚިދުމަތާއި އެ ސަރަޙައްދުގެ ދިއްލުމުގެ ބައިވެސް ނުހިމެނޭކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ މައި ކަރަންޓު ވިއުގައާ ގުޅާލުމުގެ މަސައްކަތްވެސް ނުހިމެނޭކަމަށާއި، މިކަންކަން މިހާރު އެފްޑީސީން ވަނީ އިސްލާހުކޮށްފައިކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ދެއްވި ޔަޤީންކަމަކީ ފްލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމާފައިކަމެވެ. އެގޮތުން މުށި ޖެހުމާއި ދޮރުތައް ހަރުކުރުމާއި ކުލަލުމާއި އަދި ބޭނުންވާ އިލެކްޓްރިކް ސާމާނުވެސް ހުންނާނީ ހަރުކޮށްފައެވެ. ނަމަވެސް ބަދިގޭގެ ސިންކު ނުބަހައްޓާކަމަށާއި އެއީ ގިނަ ފަރާތްތަކުން ސިންކު ބެހެއްޓުމުގައި ބަދަލުތައް ގެންނަން ބޭނުންވާތީކަމަށް އޭނާ ވިދާޅުވިއެވެ.

32 ޓަވަރު ހިމެނޭހެން 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން ފެށީ 2012ވަނަ އަހަރުއެވެ. މިހާރު އަންދާޒާކުރާގޮތުން މުޅި މަޝްރޫޢު ނިންމުމަށް 454.5 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަމްދާން ޝަކީލް ވިދާޅުވިއެވެ.

ރައްޔިތުންނަށް ފައިދާވާގޮތަށް ކުރީ ސަރުކާރުތަކުގައި ފަށާފައިވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައެވެ. އެންމެ އިސްކަން ދެއްވަނީ އެފަދަ މަސައްކަތްތައް އަވަހަށް ނިންމާ އޭގެ މަންފާ ވީހާވެސް އަވަހަށް ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.