ޚަބަރު

ފ.ނިލަންދޫ ބިންހިއްކުމާއި ބަނދަރުގެ މަސައްކަތް މި މަހު ފެށޭނެ


ފ.ނިލަންދޫ ބިންހިއްކުމުގެ މަސައްކަތާއި އެރަށުގައި އަލަށް ހައްދަވާ ބަނދަރުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް އެރަށު ކައުންސިލުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ފ.ނިލަންދޫ ކައުންސިލްގެ ނައިބް ރައީސް ޢަބްދުލްޢަޒީޒް އިބްރާހީމް ވިދާޅުވީ އެ ރަށުގައި ހައްދަވާ އައު ބަނދަރުގެ މަސައްކަތާއި، ބިން ހިއްކުމުގެ މަސައްކަތް މިހާރު ވިލާއާ ޙަވާލުކޮށްފައިވާކަމަށެވެ. އެރަށު ފަޅުތެރެއިން 13 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށާއި އެ ރަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވަނީ 800 ފޫޓު ދިގު ބަނދަރެއް ކަމަށް ޢަޒީޒު ވިދާޅުވިއެވެ.

މަސައްކަތް ފެށުމަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި އެކަމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ނިލަންދުއަށް ގެންގޮސްފައެވެ. ބަނދަރުގެ މަސައްކަތް ފެށެން އަންނަނީ ބިން ހިއްކުމަށްފަހުގައި ކަމަށްވުމާއެކު، ފުރަތަމަ ކުރިއަށް ގެންދަވާނީ ބިންހިއްކުމުގެ މަސައްކަތް ކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

ފ. ނިލަންދޫ ބިން ހިއްކުމުގެ މަސައްކަތާއި އަލަށް ހަދާ ބަނދަރުގެ މަސައްކަތް މުޅިން ނިންމަން 2 އަހަރު ދުވަސް ހޭދަވާނެ ކަމަށްވެސް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.